ސިޔާސީ

އެމްޑީއެން އުވާލާ އެ ޖަމްޢިއްޔާގެ ވެރިންނަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި


މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަކީ ސިލްސިލާގޮތެއްގައި އިސްލާމްދީނާދެކޮޅު ފިކުރު ފަތުރަން މަސައްކަތްކުރާ ޖަމްޢިއްޔާއެއްކަމަށާއި، އެ ޖަމްޢިއްޔާ އުވާލާ އެ ޖަމްޢިއްޔާގެ ވެރިންނަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފިއެވެ. މެންބަރުން މިކަމަށް ގޮވާލެއްވީ އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މަޖިލީހަށް ހުށައެޅި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުންނެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށައަޅާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲއެވެ. މި މައްސަލަ މަޖިލީހަށް ބަލައިގެންފައިވަނީ 55 މެންބަރުންގެ އިއްތިފާޤުންނެވެ.

ކުއްލި މައްސަލަ ހުށައަޅަމުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ވިދާޅުވީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމަށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާއިރު، އެމްޑީއޭއިން ނެރުނު ރިޕޯޓްގައި ކީރިތި ޤުރުއާނަށާއި، ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށެވެ. ނަޝީދު ވިދާޅުވީ ރިޕޯޓްގައި ހިމަނާފައިވަނީ މުޅިންވެސް ލާދީނީ ފިކުރުގެ ވާހަކަތަކެއްކަމަށާއި، އެ މީހުންނާމެދު ފިޔަވަޅު އަޅަންޖެހޭކަމަށެވެ.

"މިއީ އިސްލާމްދީން މިތަނުން ނައްތާލަން އެ މަޤްޞަދުގައި އެކުލަވާލި ރިޕޯޓެއް. މިކަންކަމަށް ފިޔަވަޅު ނޭޅުނީމަ މިހިސާބަށް މިކަންކަން މި ދިޔައީ. އޭރު މި ރިޕޯޓަށް ފިޔަވަޅު އެޅިނަމަ މިހާރުއ ެވާހަކަ ދައްކަން މިއަދު ނުވެސްޖެހުނީސް. ހަޤީގަތުގައި ދީނާ ދެކޮޅަށް މަސައްކަތްކުރާމީހުން އެބަޖެހޭ ރާއްޖޭގެ އައިޑެންޓިޓިން ކަނޑާލަންވެސ. ކީއްވެތޯ އެކަންކަން ނުކުރެވެންވީ." ނަޝީދު ވިދާޅުވިއެވެ.

މި މައްސަލައަށް ވާހަކަ ދައްކަވަމުން މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވީ 25 ޞަފްޙާއާއެކު އެ ރިޕޯޓް އެންމެ ފުރަތަމަ ނެރުނީ 2016 ވަނަ އަހަރުކަމަށާއި، އޭރުގެ ސަރުކާރުގައި ފިޔަވަޅު އެޅިނަމަ މި މައްސަލަ މިހިސާބަށް ނާންނާނެކަމަށެވެ. މި މައްސަލަ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަމުން އަންނަކަމަށާއި، މިއީ ޤައުމު ހަލަބޮލިކުރަން މަޖިލީހަށް ހުށައެޅި މައްސަލައެއްކަމަށް މެންބަރު ރާޢީ ވިދާޅުވިއެވެ. އޭނާ ވަނީ މި މައްސަލަ ހުށައެޅި ނިޔަތާމެދުވެސް ސުވާލު އުފައްދަވާ ވާހަކަ ދައްކަވާފައެވެ.

"އަޅުގަނޑުގެ ސުވާލަކީ އެއީ. 25 ގަނޑުވީމަ ދޫކޮށްލީ. ފިޔަވަޅު އެޅިނަމަ މިއަދު 100 ޞަފްހާގެ ރިޕޯޓެއް ނުނިކުންނާނެ. ސަރުކާރު އޮތް. މުއައްސަސާތައް އޮތް. ބަންދުކުރަންވީނުންތޯ. މިއަދު މިތަނަށް ގެނެސްގެން ޤައުމު ހަލަބޮލިކުރަން މިއުޅެނީ." މެންބަރު ރާޢީ ވިދާޅުވިއެވެ.

މެންބަރު ރާޢީގެ ވާހަކަފުޅުތަކާއި ގުޅިގެން އިދިކޮޅަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަންގަވަން ފަށްޓަވާފައެވެ.

މި މައްސަލައަށް ބަހުސްކުރަމުން މި ރިޕޯޓާ ގުޅޭގޮތުން ކުރީ ސަރުކާރުން ފިޔަވަޅު ނޭޅިކަމަށް ވިދާޅުވެ މި ސަރުކާރަށް ތާޢީދުކުރާ މެންބަރުން ވާހަކަ ދެކެވިއިރު، އިދިކޮޅު މެންބަރުން ވަނީ އެ ޖަމްޢިއްޔާއަށް އެކަށީގެންވާ ފިޔަވަޅެއް އަޅަން މިހާރުގެ ސަރުކާރު ނުކުޅެދިފައިވާކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަވާފައެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، އެމްއެންޑީއަކީ މިހާރުން މިހާރަށްވެސް އުވާލާފައި އޮންނަންޖެހޭ ޖަމްޢިއްޔާއެއްކަމަށާއި، އެ ޖަމްޢިއްޔާ ހިންގަންތިބި ފަރާތްތައް މިހާރު ތިބެންޖެހޭނީ ހައްޔަރުކުރެވިފައިކަމަށެވެ. އޭނާ ވިދާޅުވީ، މިސަރުކާރަށާއި ފުލުހުންގެ މުއައްސަސާއަށް އެ މައްސަލަ ބަލައި އެ ޖަމްޢިއްޔާއަށް ފިޔަވަޅު އަޅަން ނުކުރޭނެ ކަމަށެވެ.

"މިޖަމްޢިއްޔާގެ އިސް ފަރާތްތަކަށް ސަރުކާރުގެ މަޤާމުތައް ދީ މި ފިކުރު ޕްރޮމޯޓްކުރަމުންދާއިރު މި ޖަމްޢިއްޔާ އެބަޖެހޭ މިހާރުން މިހާރުން މިހާރަށް އުވާލެވެން. އެ އިސް ބޭފުޅުންނާމެދު އެބަޖެހޭ ފިޔަވަޅުއެޅެން."

ދުވާފަރު ދާއިރާގެ މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވީ، އެމްއެންޑީއަކީ ލާދީނީ ފިކުރު ސިލްސިލާގޮތެއްގައި ފަތުރަމުން އަންނަ ބައެއްކަމަށެވެ. ދުވާފަރު ދާއިރާގެ މެންބަރު ވިދާޅުވީ، މި ކަމަކަީ ބިރުވެރިކަމެއްކަމަށާއި، މިކަން ހުއްޓުވަން ޖެހޭކަމަށެވެ. ޤާނޫނު ބުނާގޮތުން މި ޖަމްޢިއްޔާ މިހާރު ރާއްޖޭގައި އޮވެގެންވެސް ނުވާނެކަމަށް މެންބަރު އިސްމާޢީލް އަޙްމަދު ވިދާޅުވިއެވެ.

"ޖަމްޢިއްޔާތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ ހ.ގެ ދަށުން މި ޖަމިއްޔާއާމެދު ފިޔަވަޅުއެޅި، އުވާލަންޖެހޭ. މާތް ރަސޫލާއާއި އިސްލާމްދީނަށް ހަޖޫޖަހާ ފާޑުފާޑުގެ ވާހަކަތައް ދައްކަން ފުރުޞަތު ދެވިގެން ނުވާނެ. މިފަދަ ކަންކަމުގައި އަޅުގަނޑުމެންނަށް މަޑުން ނުތިބެވޭނެ."

މި މައްސަލައަށް ބަހުސްކުރައްވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަޙްމީ ވިދާޅުވީ މި ރިޕޯޓް އެކުލަވާލި ފަރާތުން ރައްޔިތުންގެ ކިބައިން މިހާރު މަޢާފަށް އެދިފައިވާކަމަށާއި، ސަރުކާރުގެ މުއައްސަސާތަކުންވެސް އެ މައްސަލަ ބަލުން އަންނަކަމަށެވެ.

"މީގެ ކުރީ ސަރުކާރުން ނުކޮށް އޮތްކަމެއް މިސަރުކާރުން ކުރަމުން މިދަނީ. މިހެން ކުރިއަށްދާއިރު މީގެ ކުރިން އިލްމުވެރިންނާ ސިޔާސީ ވެރިން ތިބީ ހަނު. އަފްރާޝިމްގެ މަރުގެ މައްސަލ ރިޕޯޓް ނެރުމާއި ގާތްވެފައިވާތީއާއި ޔާމިން ޢަބްދުްލްޤައްޔޫމްގެ މައްސަލާގައި ހުކުމަކާ ހަމައަށް އައީމަ މިވަނީ ކީއްތޯ އެބަޖެހޭނޫންތޯ ބަލަން." އިމްތިޔާޒް ވިދާޅުވިއެވެ.

މި މައްސަލައިގެ ބަހުސް މަރުހަލާގައި އިދިކޮޅު މެންބަރުންނާއި ސަރުކާރުގެ މެންބަރުންނާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ރައްދުކުރެވި ފެނިގެންދިޔައީ ޖަލްސާގެ އޮއިވަރު ނިޒާމީ ނުކުތާތައް ނެންގެވުމުގައެވެ.

މި ކުއްލި މައްސަލައަށް ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ ކުރީ ސަރުކާރުގައި މި މައްސަލައަށް ފިޔަވަޅު ނޭޅިނަމަވެސް މި ސަރުކާރުގައި ފިޔަވަޅު އަޅާތަން ފެންނާނެކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.