ވިޔަފާރި

ބޭންކް އޮފް މޯލްޑިވްސްއިން 60 ފަރާތަކަށް މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކޮށްފި


ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ 60 ފަރާތްތަކަށް މިއަހަރު ތެރޭގައި ބީއެމްއެލްއިން މޮޓޮރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފިއެވެ.

ބޭންކުން ކުރިޔަށްގެންދާ 'އަަހަރެންގެ ބޭންކް' ޕްރޮގްރާމްގެ ދަށުން 2017 ވަނަ އަހަރު ފެށުނު މި ޕްރޮގްރާމްގެ ދަށުން ވަނީ ދިރިއުޅުމުގައި ހިނގާބިނގާވެ އުޅުމަށް ދަތި، ނުކުޅެދުންތެރިކަން ހުންނަ 76 ފަރާތަކަށް މޮޓްރައިޒްޑް ވީލްޗެއަރ ހަދިޔާކޮށްފައެވެ.

ވީލް ޗެއަރ ހަދިޔާކުރުމުގެ ޕްރޮގްރާމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުން މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަބަދުވެސް ވަރަށް ބޮޑު އަހަމިއްޔަތުކަމެއްދޭކަމަށެވެ. އަދި މޮޓޮރައިޒްޑް ވީލްޗެއަރ ލިބުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާކަމަށާއި، އެކަމުން ބެންކަށް ވަރަށް ބޮޑު އުފަލެއް ލިބޭ ކަމަށްވެސް ބެންކްގެ ސީއީއޯ ވިދާޅުވިއެވެ.

މުޖުތަމައަށް އެހީތެރިވުމަށް ހިންގާ ޕްރޮގްރާމް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމާއި ކުޅިވަރާއި އަދި ތިމާވެށީގެ ހަރަކާތްތަކުގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ހިންގާ ހަރަކާތްތަކަށްވެސް ބޭންކް އޮފް މޯލްޑިވްސް އިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.