ވިޔަފާރި

އެމްޓީސީސީން "ހިނިތުންވުމާއެކު"ގެ ނަމުގައި ކެމްޕެއިނެއް ފަށައިފި


އޮކްޓޯބަރުމަހުގެ 7 ވަނަ ދުވަހުން 11 ވަނަ ދުވަހަށް ފާހަގަކުރާ ދުނިޔޭގެ ކަސްޓަމަރ ސާވިސް ހަފްތާއާއި ގުޅުވައިގެން އެމްޓީސީސީން "ހިނިތުންވުމާއެކު"ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.

މި ކެމްޕެއިންގެ އެންމެ ބޮޑު މަޤްސަދަކީ އެކުންފުނީގެ ސްޓާފުންގެ މެދުގައި ކަސްޓަމަރ ސާރވިސްގެ މުހިންމުކަމާމެދު ހޭލުންތެރިކަން އިތުރުކުރުމާއި ކުންފުނިން ޚިދުމަތް ލިބިގަންނަ އެންމެހާ ކަސްޓަމަރުންގެ ކަސްޓަމަރ އެކްސްޕީރިއެންސް މިހާރަށްވުރެ ރަނގަޅު ކުރުމެވެ. އަދި އެކުންފުނީގެ އުންމީދަކީ "ހިނިތުންވުމާއެކު" މި ކެމްޕެއިގެ ސަބަބުން އެމްޓީސީސީއާއި އެކުންފުނީގެ ކަސްޓަމަރުންނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެ ކަސްޓަމަރުން ކުންފުންޏަށް ކުރާ އިތުބާރު އިތުރުކުރުމެވެ.

އެމްޓީސީސީގެ ފެންނާ ގިމަތައިގައި ބޭއްވުނު ރަސްމިއްޔާތުގައި ކެމްޕެއިން އިފްތިތާހުކޮށްދެއްވީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހަސަން ޝާހްއެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަސަން ޝާހް ވިދާޅުވީ އެމްޓީސީސީއަކީ ޤައުމުގެ ތަފާތު އެކި ސިނާއަތްތަކުގައި ގިނަ ރައްޔިތުންތަކަކަށް ސީދާގޮތުން ޙިދުމަތްދެމުންދާ ކުންފުންޏެއްކަމަށާއި ރައްޔިތުންނަށް ދެވޭ ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ކުންފުނީގެ މައިގަނޑު އެއް އަމާޒުކަމަށެވެ. އަދި އެމްޓީސީސީއަކީ އަބަދުވެސް ކަސްޓަމަރުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް ވަރަށް މުހިންމު އަހަމިއްޔަތުކަމެއް ދޭ ކުންފުންޏެއްކަމަށާއި މި ކެމްޕެއިންގެ ސަބަބުން މިކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

މި ކެމްޕެއިން ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ހުރިހާ މުވައްޒަފުންގެ ތަރުހީބާއި އެއްބާރުލުން ވަރަށް މުހިންމުކަމަށާއި ހުރިހާ މުވައްޒަފުންގެ އެއްބާރުލުން މިކެމްޕެއިނަށް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތްކަމަށް ޝާހު ވިދާޅުވިއެވެ.

"ހިނިތުންވުމާއެކު" ކެމްޕެއިން ފެށުމުގެ ގޮތުން 5 އޮކްޓޯބަރުން ފެށިގެން 12 އޮކްޓޯބަރާއި ހަމައަށް ބަހާލެވިގެން ކުންފުނީގެ ކަސްޓަމަރުންނަށް ވަރަށް ޙާއްސަ އެތައް ޙަރަކާތްތަކެއް ކުންފުނިން ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.