ޚަބަރު

އަމީނީމަގު ކޮނެގެން ކުރާ މަސައްކަތް ލަސްވީ މޫސުން ގޯސްވެގެން - އެމް.ޑަބްލިއު.އެސް.ސީ


އަމީނީ މަގުން މެރިން ރިސަރޗް ސެންޓަރކައިރި ކޮނެފައިވާ ވަޅުގަނޑަކީ މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމުން ގުޅުވާލުމަށް ބްރިޖް ހުރަސްކޮށް އަޅާ ފެން ހޮޅި ވަޅުލުމުށްކަމަށް ކޮނެފައިވާ ތަނެއްކަމަށް އެމްޑަބްލިޔުއެސްސީން ވިދާޅުވެއްޖެއެވެ. އެސަރަހައްދުން ވަޅުގަނޑެއް ކޮނެފައި ހުންނަތާ ވަރަށް ގިނަދުވަސް ވެއްޖެއެވެ. ވާރޭވެހިގެން މިވަޅުގަޑުގައި ފެންހެދި ނުހިނދި އެތައް ދުވަހެއްވެފައިވާތީ އެތަނުގައި މަދިރިއާލާވަކާމަށްބުނެ އާއްމު ދަނީ ޝަކުވާކުރަމުންނެވެ.

އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ މާލެއާއި ހުޅުމާލެ ފެނުގެ ނިޒާމުން ގުޅުވާލުމަށް ބްރިޖް މެދުވެރިކޮށް އަޅާ ފެން ހޮޅި ވަޅުލުމުމަށްޓަކައި ކުރާ މަސައްކަތް ނުނިމި ދިގުލައިގެންދަނީ މޫސުން ތަންނުދިނުމާއި އެމަސައްކަތް ކުރުމަށް ވަރަށް ފުނަށް ކޮންނަން ޖެހޭތީކަމަށެވެ. އަދި މޫސުން ތަންދޭނަމަ އެ މަސައްކަތް އަންނަ ނޮވެމްބަރު މަހު ނިމުމުގެ ކުރިން ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމުން ގުޅުވާލުމަށް ބްރިޖް މެދުވެރިކޮށް އަޅާ ފެން ހޮޅި ވަޅުލުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެތެރޭގައެވެ. މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ބުރިޖު މެދުވެރިކޮށް ގުޅާލުމަށް އެމްޑަބްލިއުއެސްސީން ޗައިނާގެ ހާބަރ އިންޖީނިއަރިން ކޮމްޕެނީ އެޗްއީސީއާ ޙަވާލުކޮށްފައިވަނީ މިދިޔައަހަރުގެ މެއި މަހުގެ 24ވަނަ ދުވަހުއެވެ. އެކުންފުންޏާ މިމަސައްކަތް ޙަވާލުކޮށްފައިވަނީ 1.6 މިލިއަން ޑޮލަރަށެވެ.

މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ބަލްކް ސްޓޯރޭޖް އެންޑް ޕްރޮޑަކްޝަން ސެންޓަރެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާއިރު މިމަސައްކަތް ނިމުމުން މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެނުގެ ޚިދުމަތް އެއްވެސް ދަތިތަކެއްނެތި ލިބިގެންދާނެކަމަށް އެމްޑަބްލިއުއެސްސީން ވިދާޅުވެއެވެ.