ބްރޯޑްކާސްޓިން ކޮމިޝަނާއި، މޯލްޑިވްސް މީޑިޔާ ކައުންސިލް އެއްކޮށްލުމުގެ މަސައްކަތް މިދައުރުގެ ތެރޭގައި ކުރުމަށް ހަމަޖެހިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
މީޑިއާތައް ރެގިއުލޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރުމުގައި މިހާރުއޮތް ދެކޮމިޝަން އެއްކޮށްލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މުޤައްރިރު މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ ބޮރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލް އެއްކޮށްލުމަށް މިދައުރުގެ ތެރޭގައި ކޮމިޓީ މަރުހަލާގައި ކުރަންޖެހޭ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިޔާ ކައުންސިލަކީވެސް އެއް މަޤުސަދެއްގައި އެއްކަމެއް ޙާސިލް ކުރުމަށް މަސައްކަތް ކުރަމުންދާ 2 ތަނަށްވާއިރު ދައުލަތަށްވެސް ބުރަބޮޑު ނުވާނޭހެން މިކަން ދެކޮމިޝަންގެ މަސައްކަތް ބަދަލުކުރުމަކީ ކޮމިޓީގެ އެކި މަރުހަލާތަކުގައިވެސް ވާހަކަ ދެކެވި ބަހުސް ކުރެވިފައިވާ ކަމެއްކަމުގައި ރޮޒައިނާ ވިދާޅުވިއެވެ. ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސާއި ނާއިބް ރައީސް ވަކިކުރުމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ނުދަނީވެސް ދެކޮމިޝަން އެއްކޮލުމުގެ ވިސްނުން އޮތުމުންކަމަށް އޭނާ ވިދާޅުވިއެވެ. ބްރޯޑް ކާސްޓީން ކޮމިޝަންގެ ރައީސްއާއި ނައިބް ރައީސް ވަކިކުރުމަށް ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ވަނީ ފޮނުވާފައެވެ.
ދެކޮމިޝަން އެއްކޮލުމުގެ ވިސްނުން ގެންގުޅުއްވި ނަމަވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބެވި ޙަސަން ނަބާހާއި އިސްމާއީލް ސޮފްވާން މަޤާމުން އިސްތިއުފާ ދެއްވުމުން އެމަޤާމަށް މީހުން އައްޔަންކުރުމަށް ރައީސް އޮފީހުންވަނީ މަޖިލީހަށް ފޮނުވާފައެވެ. 36 ބޭފުޅަކު ކުރިމަތިލެއްވި މިމަޤާމަށް ރައީސް އޮފީހުން ފޮނުވި ލިސްޓުގެ އެންމެ ކުރިން ޖާގަލިބޭ 4 ބޭފުޅުންނަކީ ޝިފްލާ އިބްރާހިމްއާއި، މުޙައްމަދު ޙިލްމީއާއި، އަޙްމަދު ގައިސްއާއި، ޢަލީ ޔޫސުފެވެ.
ބްރޯޑްކާސްޓިން ކޮމިޝަނާއި، މީޑިއާ ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތާއި މަސައްކަތަކީވެސް މީޑިޔާއާއި ގުޅިންހުރި ކަންކަން ބެލުންކަމަށްވާއިރު، މިކަން އެންމެ އެކަށީގެންވާ ގޮތުގައި ފާއިތުވެދިޔަ ތަނުގައި މިފަރާތްތަކަށް ނުކުރެވޭކަމުގެ ޝަކުވާވަނީ ބޮޑުވެފައެވެ. ވަކިން ޙާއްސަކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާގެ މައްސަލަތައް ބެލުމުގައި ވަކި ސިޔާސީ މަންފާތަކަށް ބަލައި، ސިޔާސީ ނިންމުން ނިންމަމުންދިޔަކަމަށް މަޖިލީހުގެ މިނިވަން މުއައްސަސާކޮމިޓީގެ މެމްބަރުންވެސްވަނީ ވިދާޅުވެފައެވެ.