ކުޅިވަރު

އަހަރުމެން ފެންވަރު ސާބިތުކޮށްދީފިން: ޓާސްޓެގަން


ސެވިއްޔާ 4-0 އިން ބަލިކުރެވުމަކީ ބާސެލޯނާއަކީ ކޮންބައެއްކަން ސާބިތުކޮށްދެވުނު ނަތީޖާއެއް ކަމަށް ގޯލްކީޕަރު މާކް އަންދްރޭ ޓާސްޓެގަން ބުނެފި އެވެ.

އަމިއްލަ ދަނޑުގައި ރޭ މޮޅުވި މެޗާއެކު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ އެއްވަނާގައިވާ ރެއާލް މެޑްރިޑަށްވުރެ ދެ ޕޮއިންޓް ފަހަތުން ދެ ވަނާގަ އެވެ.

"އަހަރުމެންނާމެދު ގިނަ ބަޔަކު ސުވާލު އުފައްދަމުންދޭ މިސީޒަނުގައި. އެކަމަކު މި ނަތީޖާއަކީ އަހަރުމެންނަކީ ކޮން ބައެއްކަން އެހެން މީހުންނަށް ސާބިތުކޮށްދެވުނު ނަތީޖާއެއް. އަހަރުމެން މިތިބީ ކާމިޔާޞު ހޯދަން ކެތްމަދުވެފައި،" ޖަރުމަނުގެ ކީޕަރު ބުންޏެވެ.

ރޭގެ މެޗަކީ ބާސެލޯނާ އަށް އޭނާ ކުޅެދިން 200 ވަނަ މެޗެވެ. މި މެޗުގައި ބާސެލޯނާ އަށް ލަނޑު ޖަހައިދިނީ އަރްތޫރޯ ވިދާލް އާއި ލުއިސް ސުއަރޭޒް އާއި އޮސްމާނޭ ޑެމްބްލޭ އަދި ކެޕްޓަން ލަޔޮނަލް މެސީ އެވެ. މިއީ މެސީ މި ސީޒަނުގައި ޖެހި ފުރަތަމަ ގޯލެވެ. އަދި މި މެޗުގައި އެނާ ޖެހި ގޯލުވެފައިވަނީ ޕެނަލްޓީ އޭރިޔާގެ ބޭރުން ޖެހި 100 ވަނަ ގޯލަށެވެ.

ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ މެޗަށް ފަހު ބުނީ މިއީ ރަނގަޅު ފެށުމެއް ކަމަށާއި ޓީމުގެ ގުޅުން މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށެވެ. މި މެޗުގައި ކޯޗު އާނެސްޓޯ ވަލްވާޑޭ ފުރަތަމަ 11ގައި ޑެމްބެލޭ ލައްވައި ކުޅުވީ އެންޓޮއިން ގްރިއެޒްމަން ބެންޗުގައި ބައިންދައިފަ އެވެ. އެއީ ބޮޑު އަގުގައި މިސީޒަނަށް އެތްލެޓިކޯ މެޑްރިޑުން ގެނައި ފޯވަޑަށް މިހާތަނަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެވެ.

ނަމަވެސް ރެފްރީއާ ޒުވާބުކޮށްގެން ދެއްކި ރަތްކާޑުގެ ސަބަބުން ޑެމްބެލޭ އަށް ބޮޑު ސަސްޕެންޝަނެއް އައުމުގެ ބިރު އެބައޮތެވެ. މިއީ އަނެއްކާ ވެސް ގްރިއެޒްމަނަށް ފެންވަރު ސާބިތުކޮށްދޭން ލިބޭ ފުރުސަތެއްކަމަށް ތަޖުރިބާކާރުން ގަބޫލުކުރެ އެވެ.