ޚަބަރު

އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ޢަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރަން ނިންމައިފި


އިސްލާމް ދީނަށް ފުރައްސާރަކޮށް ގިނަ ވާހަކަތަކެއް ހިމަނައި، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާ ގުޅިގެން ޢަދާލަތު ޕާޓީން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާ ބައްދަލުކުރަން ނިންމައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓާއި ގުޅިގެން އަދާލަތު ޕާޓީން ރައީސް އިބްރާހިމް މުހައްމަދުޞާލިހާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވަނީ މިއަދު ބޭއްވި އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައެވެ.

މިބައްދަލުވުމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކުން އިސްލާމް ދީނަށް ފުރައްސާރަކޮށްފައިވާތީ އެކަމާ ގުޅިގެން އެ ޖަމްޢިއްޔާއަށް ފިޔަވަޅު އަޅައިދިނުމަށް ރައީސުލް ޖުމްހޫރިއްޔާގެ ކިބައިން އެދިވަޑައިގެންނެވުމަށް ވަނީ ނިންމާފައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާއާއެކު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ވަކިތާރީޙެއް އެޕާޓީންވެސް އަދި ރައީސް އޮފީހުންވެސް ހާމަކުރައްވާފައެއްނުވެއެވެ.
މިބައްދަލުވުމުގައި މިރިޕޯޓާގުޅިގެން ދައުލަތުގެ ކަމާބެހޭ ވުޒާރާތަކާ ބައްދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

އެގޮތުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދާއި ހޯމް މިނިސްޓަރ ޢިމްރާންޢަބްދުﷲގެ އިތުރުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙްމަދު މަޙުލޫފާ ބައްދަލުކުރުމަށްވެސް ވަނީ ނިންމާފައިއެވެ. މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓުގެ މައްސަލަ ބަލައިދިނުމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުންވަނީ މީގެ ދެ ދުވަސްކުރިން ފުލުހުންނަށްވެސް ހުށައަޅާފައެވެ.

މޯލްޑިވިއަން ޑިމޮކްރަޓިކް ނެޓްވޯކްއިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެމައްސަލަ ބަލާ ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. ފުލުހުންވެސް ވަނީ މިމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކާމެދު އަޅަންޖެހޭ ފިޔަވަޅު އަޅަމުންދާނެކަމަށް ވިދާޅުވެފައެވެ.