ޚަބަރު

އިންޑިއާ-ބަންގްލަދޭޝް 7 އެގްރީމެންޓެއްގައި ސޮއިކޮށްފި


އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާއާއި ދެބޭފުޅުން މުހިންމު 7 އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައެވެ.

އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ކުރިން ދެ ޤައުމުންވަނީ ބައްދަލުވުންތަކެއް ބާއްވާފައެވެ. ސޮއިކުރެއްވުމަށްފަހު ދެ ޤައުމުގެ ވެރިންވެސްވަނީ ތިން މަޝްރޫޢެއް އިފްތިތާޙުކޮށްދެއްވާފައެވެ. އޭގެ ތެރޭގައި ބަންގްލަދޭޝްއިން އިންޑިއާއަށް އިތުރު ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް ފޯރުކޮށްދިނުން، ބަންގްލަދޭޝްގެ ޒުވާޒުންގެ ހުނަރު އިތުރުކޮށްދިނުމަށް އިންޑިއާއިން އެހީތެރިވުމާއި، ތަޢުލީމާއި ޘަޤާފީ ރޮނގުން އިންޑިއާގެ މުވައްސަސާތަކުގެ އެހީތެރިކަން ބަންގްލަދޭޝްއަށް ފޯރުކޮށްދިނުން ހިމެނެއެވެ.

ފާއިތުވީ އެއް އަހަރު ދުވަހުގެ ތެރޭގައި އިންޑިއާއާއި ބަންގްލަދޭޝްއިންވަނީ 12 ޕްރޮޖެކްޓެއްގެ މަސައްކަތްފަށާފައެވެ. ސޮއިކުރެއްވުމަށްފަހު ބޮޑުވަޒީރު މޯދީ ވިދާޅުވީ ހުރިހާ އެއްބަސްވުމަކުންވެސް ދެ ޤައުމަށް ފައިދާތަކެއްވާނޭކަމަށެވެ. އަދި ބޮޑުވަޒީރު ޝެއިޚް ހަސީނާ ވިދާޅުވީ ގިނަ ރޮނގުތަކަކުން ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކަކީ އަވަށްޓެރިކަމުގެ ރަނގަޅު މިސާލެއްކަމަށެވެ.