ކުޅިވަރު

ފުރަތަމަ ޓައި އިން ބަލިވިޔަސް ހިތްވަރު އެލުވައެއް ނުލާނަން، އަދިވެސް ފުރުސަތު އެބައޮތް - ނަބާހާ


ގްރޫޕް ސްޓޭޖުގެ ފުރަތަމަ ޓައިން ބަލިވި ކަމުގައި ވިޔަސް ހިތްވަރު އެލުވާ ނުލާނެ ކަމަށާއި އުއްމީދަކީ ކުރިއަށްއޮތް ދެޓައި ކާމިޔާބުކޮށްގެން ސެމީ ފައިނަލުން ޖާގަހޯދުން ކަމަށް ނަބާހާ ޢަބްދުލް ރައްޒާގް ބުނެފިއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ 21 އަހަރުން ދަށުގެ ސައުތް އޭޝިއަން ރީޖަނަލް ބެޑްމިންޓަން ޗެންޕިއަންޝިޕުގެ މިކްސް ޓީމް އިވެންޓުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ފުރަތަމަ ނުކުތީ ބަންގްލަދޭޝް އާއި ދެކޮޅަށެވެ. ބަންގްލަދޭޝް އާއި ރާއްޖޭގެ ކުރިމަތިލުން 3-2ގޭމުން ކާމިޔާބުކުރީ ބަންގްލަދޭޝްއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ނަބާހާ ޢަބްދުލް ރައްޒާގް ބުނީ، ހުރިހާ ގޭމެއްގައިވެސް ރާއްޖޭގެ ހުރިހާ ކުޅުންތެރިން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށާއި، ނަމަވެސް ލިބުނު ފުރުސަތު ތަކުގެ އެންމެ ފުރިހަމަ ބޭނުން ނުހިފުނީ ކަމަށެވެ. ނަބާހާ ބުނީ ފުރަތަމަ ޓައި އިން ބަލިވި ކަމުގައި ވިޔަސް ދެގޭމް ރާއްޖެއަށް ކާމިޔާބު ކުރެވުމުން ސެމީއަށް ކުރާ އުއްމީދަށް ބަދަލެއް ނާންނަ ކަމަށެވެ.

އެގޮތުން ގްރޫޕް ސްޓޭޖުގައި ލަންކާ އަދި ނޭޕާލް އާއި ދެކޮޅަށް ވާދަކުރާ ޓައިތަށް ކާމިޔާބުކޮށްގެން ސެމީފައިނަލުން ޖާގަހޯދަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށް ނަބާހާ ބުންޏެވެ. ނަބާހާ ބުނީ ލަންކާ އާއި ނޭޕާލް އަކީވެސް ވަރުގަދަ ދެޤައުމު ކަމާށާއި، އެހެންކަމުން އެ ދެޓައިވެސް ފަސޭހަ ނުވާނެ ކަމަށެވެ. ނަމަވެސް ރަނގަޅު ކުޅުމެއް ދެއްކިއްޖެނަމަ ސެމީއިން ޖާގަ ހޯދޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ނަބާހާ ބުންޏެވެ.

"އަަސްލު ވަރަށް ރަނގަޅު ފައިޓެއް ދިން ހުރިހާ ކުޅުންތެރިންވެސް، ދެން ކަންދިމާކުރިގޮތުން ދެގޭމް އެއްގޭމުން މި ބަލިވީ، އެކަމު ދެގޭމް ލިބިފަ އޮތީމަ ލަންކާ އާއި ނޭޕާލް އާއި ދެކޮޅަށް ވާދަކުރާ ޓައި ކާމިޔާބުކޮށްގެ ސެމީއިން ޖާގަ ހޯދަން މިހާރު ހުރިހާވެސް ވިސްނުމެށް މިހުރީ، އެ ދެގައުމަކީވެސް ވަރުގަދަ ދެގައުމު. އެހެންވީމަ ސެމީއިން ޖާގަހޯދަން ކުރެވެންހުރި ހުރިހާ ކަމެއް ކުރާނަން." ނަބާހާ ޢަބްދުލްރައްޒާގް ބުންޏެވެ.

މުބާރާތުގެ މިކްސް ޓިމް އިވެންޓުގައި ރާއްޖެ ހިމެނެނީ ގްރޫޕް ބީގައެވެ. މިގުރޫޕުގައި ރާއްޖެއާއި ބަންގްލަދޭޝްގެ އިތުރުން ދެން ހިމެނެނީ ލަންކާ އާއި ނޭޕާލް އެވެ. މުބާރާތުގެ ފޯމެޓް ރޭވިފައުވާގޮތުން ކޮންމެ ގުރޫޕަކުންވެސް އެންމެ ގިނައިން ޕޮއިންޓް ހޯދާ ދެޓިމަށް ސެމީއިން ޖާގަލިބޭނެއެވެ.