ޚަބަރު

އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި އަންނަނީ ބަލަމުން - ފުލުހުން


"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާތީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.

އެމްޑީއެންގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުޤީގުކުރަމުން އަންނަކަން ފުލުހުން ހާމަކޮށްފައި މި ވަނީ މި މައްސަލާގައި އެ ޖަމާއަތާއި ދެކޮޅަށް ފިޔަވަޅު އެޅުމަށް އެތައް ބަޔަކު ގޮވާލާފައި ވަނިކޮށެވެ.

ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާ މައްސަލައާ ގުޅިގެން ފުރިހަމަ ތަޙުޤީޤެއް ހިންގައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ.

ފުލުހުންގެ ބަޔާނުގައިވަނީ އެމްޑީއެންގެ ރިޕޯޓްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާ މައްސަލަ އިސްލާމިކް މިނިސްޓްރީން އެ އިދާރާއަށް ހުށައަޅާފައިވަނީ އަމިއްލަ ފަރާތަކުން އެ މައްސަލަ ހުށައެޅުމުން ތަހުޤީޤެއް ހިންގުމަށް ނިންމާ ކަމާއި ގުޅޭ މައުލޫމާތު ސާފުކުރަމުން ދަނިކޮށްކަމަށެވެ.

އެހެންނަމަވެސް އެމްޑީއެންގެ ރިޕޯޓްގެ މައްސަލަ ހޫނުވެ އެކަމުގައި ގިނަ ސުވާލުތަކެއް ފުލުހުންނަށް ކުރިމަތިވުމުން އޭރު ފުލުހުން ވިދާޅުވެފައިވަނީ އެމްޑީއެންގެ އިސްވެރިންގެ ފޮޓޯ ޖަހައިގެން އެ ފަރާތްތަކާއި މެދު ނަފްރަތު އުފެއްދުމަށް މަސައްކަތް ކުރަމުންދާ މައްސަލައެއް ބަލަމުން އަންނަކަމަށާއި އެ މައްސަލަގެ ތެރެއިން މި މައްސަލަވެސް ބެލޭނެކަމަށެވެ. އަދި އިސްލާމިކް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު މެންދުރު 13:46ގައި ހުށައެޅި މައްސަލަ ފުލުހުންނަށް ލިބުނުކަން ފުލުހުން ހާމަކޮށްފައިވަނީ އެދުވަހުގެ 19:11 އެހާކަންހާއިރު އެވެ.

އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ ޢަޤީދާއާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމާއި ކީރިތި ރަސޫލާއަށް ފުރައްސާރަކުރުން ފަދަ އިސްލާމް ދީނާ އިދިކޮޅު ޢަމަލުތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއްކަމުގައި ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ އެ މުވައްސަސާއަށް ހުށައެޅޭ މިފަދަ މައްސަލަތަކޭ އެއްފަދައިން މި މައްސަލަ އާއި ގުޅިގެންވެސް ފުރިހަމަ ތަޙުޤީޤެއް ހިންގައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. އަދި މި މިމައްސަލަ ތަޙުޤީޤުކުރަން ފެށުމަށްފަހު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާކް އާއި މެދު މިފަދަ ޝަކުވާތަކެއް ހުށައެޅުމުން އެކަން ތަޙުޤީޤު ކުރަމުންދާކަން ދަޢުލަތުގެ ކަމާބެހޭ އެހެން އިދާރާތަކާވެސް ހިއްސާކުރެވިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އިސްލާމް ދީނާ އިދިކޮޅު ޢަމަލުތަކާ ގުޅޭ މައްސަލަތަކަކީ ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަޙަތާ ގުޅިފައިވާ އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަމާ ގުޅުން ހުރި މައްސަލައެއްކަމަށްވާތީ، އެފަދަ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ ޤާނޫނީގޮތުން އެފަރާތަކާ މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ކަމާބެހޭ ފަރާތްތަކުގެ މަސްޢޫލިއްޔަތެއްކަމުން މުޖްތަމަޢުގެ ހަމަޖެހުމާއި ޞުލްޙަ މަސަލަސްކަމަށް ބުރޫއަރާފަދަ އެއްވެސްކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ޚާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަޙްދަތާއި އެއްބައިވަންތަކަމާއި، މަސްލަހަތު ގެއްލޭފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ޔަޤީންކަން ދިވެހި އެންމެހާ ރައްޔިތުންނަށް ދެއްވާކަމަށްވެސް ފުލުހުންގެ ބަޔާނުގައިވއެވެ.