ޚަބަރު

ހއ.ހޯރަފުށީގައި އަޅާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފި


ހއ.ހޯރަފުށީގައި އަޅާ ފުޓްބޯޅަ ދަނޑުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

ހޯރަފުށީގައި އިއްޔެ ބޭއްވީ ޙާއްސަ ރަސްމިއްޔާތެއްގައި ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވާ ދެއްވީ އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު އާއި، ހޯރަފުށީ ދާިއރާގެ މެމްބަރު އަހުމަދު ސަލީމްއެވެ. މި މަޝްރޫޢުއަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ރާއްޖޭގެ 7 ސަރަހައްދެއްގައި އެޅުމަށް ނިންމާފައިވާ ދަނޑުތަކުގެ ތެރެއިން ދަނޑެކެއެވެ. ފީފާއިން ގަބޫލުކުރާ މިންގަނޑަށް އެޅުމަށް ހަމަޖެހިފައިވާ މިދަނޑުގައި އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ސަބްވޭސް އެޅުމުގެ މަސައްކަތެއެވެ.

ދަނޑުގެ މަސައްކަތް ފެށުމާއި ގުޅިގެން ހޯރަފުށީ ކައުސިލް ރައީސް ވިދާޅުވީ މިދަނޑަކީ އެންމެ ރަނަގޅު ފެންވަރެއްގައި ތަރައްޤީ ކުރެވިގެންދާނެ ދަނޑެއްކަމަށާއި، އެގޮތުން ސިޑިބަރިއާއި، ޗޭންޖިންގ ރޫމާއި، ފާޙާނަ ބަރިއާއި، ކޮންފަރެންސް ރޫމެއްވެސް ދަނޑުގައި ހެދުމަށް ހަމަޖެހިފައިވާކަމަށެވެ.

އޭނާ ވިދާޅުވީ ދަނޑުގައި މިހާރު އެމްޓީސީސީން ކުރަމުންދާ މަސައްކަތް ކުރިއަށް ދެ މަސްދުވަހުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި މައުލޫމާތު ލިބިފައިވާ ގޮތުގައި މިދަނޑަށް ޔޫތް މިނިސްޓްރީން 13 މިލިޔަންރުފިޔާ ޙަރަދު ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ދަނޑު ނިމިގެންދާއިރު އުތުރުގައި އޮތް އެންމެ ފުރިހަމަ ދަނޑަށް މިދަނޑު ވެގެންދާނެކަމަށް ހޯރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުން ރާއްޖޭގެ 7 ސަރަހައްދެއްގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ހޯރަފުށީގެ އިތުރުން، ލ.ގަން، ގދ.ތިނަދޫ، ތ.ތިމަރަފުށި، ވ.ކެޔޮދޫ، އައްޑޫސިޓީ ފޭދޫ އަދި ފުވަށްމުލަށް ސިޓީގައި ދަނޑު އެޅުމަށް ވަނީ ހަމަޖެހިފައެވެ.