ޚަބަރު

އެކްސިޑެންޓްތައް މަދުކުރުމަށް ބްރިޖުގައި ބަހައްޓާފައިހުރި ގިނަ ބަމްޕަރުތަކެއް ނަގައިފި


އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި، ބްރިޖުގައި ބަހައްޓާފައިހުރި ގިނަ ބަމްޕަރުތަކެއް ނަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަން ވިދާޅުވީ ވަގުތީގޮތުން އެ ބަމްޕަރުތައް ނެގީ ޓްރާސްޕޯޓް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީއާއި ފުލުހުން ކުރި މަޝްވަރާތަކަށްފަހު ބްރިޖްގައި ބަންޕަރުތައް ބަހައްޓާފައި ހުރިގޮތުން ބައެއް ކުދި ކުދި އެކްސިޑެންޓްތައް ހިންގާނެކަމަށްބަލައި އެކަން މަދުކުރުމުގެ ގޮތުން ކަމަށެވެ.

ބްރިޖްގައި ހިނގާ އެކްސިޑެންޓްތައް މަދުކުރުމަށްޓަކައި ފުލުހުންނާއި ކަމާއިބެހޭ ފަރާތްތަކުން ގުޅިގެން ދަނީ މަސައްކަތް ކުރުމުންނެވެ. ބްރިޖުގައި ހިނގާ އެކްސިޑޭންޓްތަކާއި ހިތާމަވެރި ހާދިސާތައް މަދުކުރުމަށްޓަކައި ބްރިޖް ބޭނުންކުރާ ފަރާތްތަކުން ހެލްމެޓް އަޅައިގެން ނޫނީ ބްރިޖް ދަތުރުނުކުރެވޭ ގޮތަށްވެސް ވަނީ ހަދާފައެވެ. އަދި ފުލުހުން މިހާރުދަނީ ބްރިޖެގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި 77 ކެމެރާ ބްރިޖްގައި ހަރުކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

ބުރިޖު ހުރަސްކޮށް ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތައް މި ކެމެރާތައް ބޭނުންކޮށްގެން ދެނެގަނެ އެފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ. ބްރިޖް މަތީގައި ސްޕީޑް ކެމެރާ ހަރުކޮށް ބާރަށް ވެހިކަލް ދުއްވާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާމެދު ފިޔަވަޅުއަޅަންވެސް މިނިސްޓްރީން ވަނީ ނިންމާފައެވެ.

ބުރިޖާއި ހައިވޭމަތީގައި ސްޕީޑް ކެމެރާއާއި ސަރވައިލަންސް ކެމެރާ ހަރުކުރުމަށް މިއަހަރުގެ ބަޖެޓްގައިވެސް ވަނީ ހިމަނާފައެވެ. މިމަސައްކަތް ކުރަމުންދަނީ ފުލުހުންނާއި، ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީ ގުޅިގެންނެވެ.

ސިނަމާލެ ބްރިޖް ހުޅުވުމާ ގުޅިގެން ބްރިޖާއި ހައިވޭގައި ގިނަ އެކްސިޑެންޓްތަކެއް ވަނީ ހިނގާފައެވެ. އެހެންނަމަވެސް ބްރިޖާއި ހައިވޭގައި ހެލްމެޓް އަޅައިގެން ދުއްވުމަށް މަޖުބޫރުކުރުމުގެ ސަބަބުން މިހާރު ކޮންމެވެސް ވަރަކަށް އެކްސިޑެންޓްތައް މަދުކަން ފާހަގަކުރެވެއެވެ.