ވިޔަފާރި

ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި މުވައްޒަފުންގެ އަދަދު 17 ހާހުގައި


ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހި މުވައްޒަފުންގެ އަދަދު އުޅެނީ 17 ހާހުގައި ކަމަށާއި މިއީ މުޅި ސިނާޢަތުގެ 47 އިންސައްތަކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށް ބޭއްވި ގާލާ ނައިޓްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ފަތުރުވެރިކަމުގެ ދައިރާގައި ހިމެނޭ 1000 ތަނެއް މިނިސްޓްރީން ބަލާ ފާސްކޮށްފައިވާކަމަށެވެ.

އެގޮތުން މިނިސްޓްރީން ބެލި ބެލުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ތިރީސް ހަ ހާސް ތިން ސަތޭކަ އެއް މުވައްޒަފަކު ހަރަކާތްތެރިވަމުންދާއިރު މީގެ ތެރެއިން ދިވެހިން މުވައްޒަފުންގެ އަދަދު އުޅެނީ ސަތާރަ ހާސް އެއް ސަތޭކަ ތިރީސް އަށެއްގައިކަމަށް އަލީ ވަހީދު ވިދާޅުވިއެވެ. މިއީ މުޅި ސިނާއަތުގެ 47 އިންސައްތައެވެ. އެހެންކަމުން މިއީ ކާމިޔަބީއެއްކަމަށް މިނިސްޓަރ އަލީ ވަހީދު ސިފަކުރެއްވިއެވެ.

"ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މުވައްޒަފުންގެ އަދަދަކީ 36،301 މުވައްޒަފުން. އޭގެ ތެރެއިން ދިވެހި މުވައްޒަފުންގެ ޢަދަދަކީ 17،138 މުވައްޒަފުން. ބިދޭސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަކީ 18،947 މުވައްޒަފުން. މި މިންގަނޑުތަކަށް ބަލާއިރު ދިވެހި މުވައްޒަފުން ވަޒީފާގައި ތިބި މިންވަރު %45 އަށް ވުރެ ދަށް 58 ރިސޯޓު އޮތް ކަން ފާހަގަކޮށްލަން. އަދި ކަނޑައެޅިފައިވާ މިންވަރު 86 ރިސޯޓެއްގައި އޮތްކަން ވެސް ފާހަގަކުރެވޭ." މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މީގެ ކުރިން މިފަދަ އިންސްޕެކްޝަނެއް ހެދިފައި ނުވާކަމަށާއި ޓޫރިޒަމް މިނިސްޓްރީން ހޯދި މިހޯދުންތަކާއެކު ކުރިމަގުގައި މިދާއިރާ ބައްޓަންކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ. އަދި މި މަޢުލޫމާތުތަކާއެކު ރާއްޖޭގެ 5 ވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ ތެރެއިން މިދާއިރާގެ ކަންކަން ކުރެވިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.