ޚަބަރު

އަލިފާން ނިއްވުމަށް ރާއްޖޭގައި ސިވިލް ބަޔަކު ތިބުން މުހިންމެއް ނޫން - މިނިސްޓަރ


އަލިފާން ނިއްވުމަށް ރާއްޖޭގައި ސިވިލް ބަޔަކު ބޭއްތިއްބުން މުހިންމު ނޫންކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްގެ ފަޔަރ ފައިޓަރުންގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން އެއަރޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ސިވިލް ބަޔަކަށް ހެދުމަކީ ގިނަބަޔަކު ވާހަކަ ދައްކަމުން އަންނަ ކަމެއްނަމަވެސް އެކަމަކީ އެންމެ އެކަށީގެންވާ ގޮތަކަށް ރާއްޖޭގައި ކުރިއަށްދާނެ ކަމެއް ނޫންކަމަށެވެ. އެގޮތުން އެކަމަށް ބޭނުންވާ ވަސީލަތްތައް ނެތްކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ އަލިފާނުގެ ޙާދިސާތަކަކީ ރާއްޖޭގައި މަދުން ހިނގާ ކަމަކަށްވާތީ، އެކަމަށް ޚާއްސަ ކޮށްގެން ސިވިލް ބަޔަކު ތިބުން މުހިންމެއް ނޫންކަމަށެވެ. އެއާ ޚިލާފަށް ރާއްޖެއަށް މުހިންމު ބޮޑެތި އެހެންކަންކަން ހުރިކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަަވަމުން އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރ މޫސާ ސާލިޙު ވިދާޅުވީ މިއަހަރު ނިމިގެން މިދަނީ އެކުންފުންޏަށް ބޮޑެތި ކާމީޔާބީތަކެއް ހާސިލް ކުރެވިގެންކަމަށެވެ. އެގޮތުން ފަހުން ހިނގައިދިޔަ ބޮޑު ކާރިސާގައި އެމްއޭސީއެލްގެ ޓީމުންކުރި ބުރަމަސައްކަތް ފާހަގަ ކުރެއްވިއެވެ.

ރޭ އެއަރޕޯޓުގައި ބޭއްވި ޖަލްސާއަކީ ޚިދުމަތްތެރި ފަަޔަރ ފައިޓަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި އެމްއޭސީއެލުން ވަނީ އެކުންފުނީގެ ފަޔާ ފައިޓަރުން ދެއްކި ހިތްވަރުގެ އަގުވަޒަން ކުރުމުގެގޮތުން އެޙާދިސާގައި ޢަމަލީގޮތުން ބައިވެރިވި ހުރިހާ ފަޔަރ ފައިޓަރުންނަށް ހަދާނީ ފިލައާއި ސެޓްފިކެޓް ދީފައެވެ.