ޚަބަރު

ގޭގެއަށް ލެޑް ބޮކި ބެހުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި


ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ލެޑް ބޮކި ދޫކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން މީހުން ނުގެންގޮސް ހުރި ބޮކިތައް ގޭބިސީތަކަށް ބެހުމުގެ މަސައްކަތް އަނެއްކާވެސް ސްޓެލްކޯއިން ފަށައިފިއެވެ.

އެންވަޔަރަންމަންޓު މިނިސްޓްރީން ޢާންމުންނަށް ދޫކުރުމަށް ހަމަޖެހިފައިވާ ދެލައްކަ ލެޑް ބޮކީގެ ތެރެއިން އެއްލައްކަ 95000 ލެޑް ބޮކި އާންމުންނަށް ބެހުމަށް ތިން ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ.

ސްޓެކްކޯއިން ބުނީ މިހާރު ބޮކިތައް ބަހަމުންދަނީ ކުރިން ކުރިން ބޮކި ދޫނުކޮށް ހުރި ގޭބިސީތަކަށް ކަމަށެވެ. އަދި ސްޓެލްކޯގެ އިންޖީނުގެތަކުންނާއި މާލޭ ހެޑް އޮފީހުން ބޮކިތައް ދޫކުރަމުންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.

މި ބޮކިތަކަކީ އިންޑިއާ ސަރުކާރުން ހަދިޔާކޮށްފައިވާ ބޮކިތަކެއްކަމަށެވެ. ލެޑް ބޮކި ޙަވާލުކުރުމުގެ ޕްރޮގްރާމްގެ ދަށުން ކޮންމެ ކަރަންޓު މީޓަރަކަށް 2 ބޮކި ދިނުމަށް ވަނީ ހަމަޖެހިފައެވެ. ސްޓެލްކޯގެ އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރ މުޙައްމަދު ވަޙީދު ވިދާޅުވީ އާންމުންނަށް ބެހުމަށް އެ ކުންފުންޏާއި ހަވާލުކޮށްފައިވާ ބޮކިތައް ހުސްވަންދެން އެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ސްޓެލްކޯއިން ލެޑު ބޮކި ބެހުމަށް ކުރިއަށްގެންދާ ޙަރަކާތް ކުރިއަށްދާއިރު، އެކުންފުނީގެ މޯބައިލް އެޕް ޑައުންލޯޑުކޮށް ބޭނުންކުރާނެގޮތުގެ މަޢުލޫމާތުވެސް ދެމުންދާނެކަމަށް އެކުންފުނިން ބުނެއެވެ. ސްޓެލްކޯގެ މޯބައިލް އެޕަކީ ކިއުގައި ނުޖެހި ކަރަންޓު ބިލު ފަސޭހަކަމާއެކު މޯބައިލް ފޯނު މެދުވެރިކޮށް ދެއްކުމާއި ޓެރިފް ރޭޓާއި އަމިއްލައަށް ކަރަންޓު ބިލަށް އަރާވަރު ބަލާލުންފަދަ ޚިދުމަތްތައް ލިބޭނެހެން ތައްޔާރުކޮށްފައިވާ އެޕެކެވެ.