އެމެރިކާއާއެކު މަޝްވަރާތައް ފެށުމަށް ފަރަންސޭސިވިލާތުގެ ރައީސް އެމާނުއެލް މެކްރޯން ހުށަހެޅުއްވި ހުށަހެޅުއްވުން ބަލައިގަނެވިދާނެކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ. ރޫޙާނީ މިހެން ވިދާޅުވީ އީރާނުގައި ވަގުތުން ދުރަށްދެއްކި ކެބިނެޓް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
ކެބިނެޓް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރޫޙާނީ ވިދާޅުވީ ފަރަންސޭސިވިލާތުން ހުށަހެޅި ޕްލޭންގައިވާ ބައެއް ބާބުތަކަށް ބަދަލުގެންނަންޖެހޭކަމަށެވެ. އަދި އެއީ ހޮރުމޫޒް ކަނޑުއޮޅިއާއި މުޅި ސަރަޙައްދުގެ ސަލާމަތަށް އީރާނުން ނިޔުކްލިއަރ ހަތިޔާރު އުފެއްދުން ހުއްޓާލުމަށް އެއްބަސްވެވޭނެ ހަމަތަކެއް ދެނެގަތުމަށް ގެންނަ ބަދަލުތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. މިގޮތަށް ބަދަލުގެނައުމުން، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައި އެ ޤައުމުގެ ތެޔޮ އެހެން ޤައުމުތަކަށް ވިއްކޭނެ މަގު ފަހިވެގެންދާންޖެހޭނެކަމަށް ރޫޙާނީވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން، ކެބިނެޓް ބައްދަލުވުމުގައި ރޫޙާނީ ވިދާޅުވެފައިވަނީ އދގެ ޢާއްމު މަޖިލީހުގައި ތަޤުރީރުކުރައްވަން ނިއުޔޯކުގައި ހުންނެވިއިރު، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާމެދު ލިބެމުންދިޔަ ތަފާތު މެސެޖްތަކުގެ ސަބަބުން ވާހަކަތައް ފެށުމުގެ ފުރުޞަތު ގެއްލިގެން ދިޔައީކަމަށެވެ. ރޫޙާނީ ވިދާޅުވީ ވިލާތުބައްރުގެ ޤައުމުތަކުން އެމެރިކާއާއެކު އީރާން މަޝްވަރާ ފެށުމަށް މަގުފަހުކުރުމަށް މަސައްކަތްކުރަމުންދާކަމަށެވެ.
ދުނިޔޭގެ ނުފޫޒުގަދަ ޤައުމުތަކުގެ ތެރެއިން އިނގިރޭސިވިލާތާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތުންވަނީ އެމެރިކާވެސް ހިމެނޭހެން އީރާނާއެކު 2015ވަނަ އަހަރު އެކުލަވާލެވުނު ނިޔުކްލިއަރ މުޢާހަދާގައި ސޮއިކޮށްފައެވެ. ނަމަވެސް ފަހުން އެމެރިކާއިންވަނީ އެ މުޢާހަދާއިން އަމިއްލައަށް ވަކިވެ، އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.