ޚަބަރު

މިދައުރުގެ އެންމެބޮޑު އަމާޒަކީ 48 ބިލެއްގެ މަސައްކަތް ނިންމުން - މަޖިލިސް ރައީސް


މިދައުރުގެ އެންމެ ބޮޑު އަމާޒަކީ 48 ބިލެއްގެ މަސައްކަތް ނިންމުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރުގެ ޖަލްސާތައް ފައްޓަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިދައުރުގައިވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމަވާފައިވާކަމަށެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅުއްވާ ބިލްތަކާއި މަޖިލީހުގެ ސިޔާސީ ޕާޓީތަކުން ހުށަހަޅާ ބިލްތަކާއިއެކު ޖުމްލަ 48 ބިލެއްގެ މަސައްކަތްކުރުމަށް ނިންމަވާފައިވާކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ވަނީ މިދައުރުގައި ކުރުމަށް ތާވަލްކުރާނެ މުހިންމު ބިލްތައްވެސް މަޖިލިސް މެމްބަރުންގެ ސަމާލުމަށް ގެނެސްފައެވެ. މިބިލްތަކުގެ ތެރޭގައި ހިމެނެނީ އިންތިޤާލީ އިންސާފުގެ ބިލާއި، ފުލުހުންގެ ޤާނޫނު އިސްލާހު ކުރުމުގެ ބިލާއި، ކޯޓްތަކުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ޤާނޫނު އިސްލާހުކުރުމުގެ ބިލާއި، އިންކަމް ޓެކްސް ނެގުމުގެ ބިލާއި، ލާމަރުކަޒީ ޤާނޫނަށް އިސްލަހު ގެނައުމުގެ ބިލާއި، ފެނާއި، ކަރަންޓާއި، ނަރުދަމާ، އައި ގުޅޭ ބިލަކާއި، ރުއްގަހާއި ފޮރެސްޓާއި ގުޅޭ ބިލާއި، ބޯހިޔާވަހިކަމުގެ ޤާނޫނަށް އިސްލާހު ގަނައުމުގެ ބިލާއި، ތައުލީމީ ދާއިރާގެ ކަންކަން ރަގަޅު ކުުރުމަށް ހުށަހެޅޭ ބިލަކާއި، އާއިލާއާއި ވަރިކައިވެންޏާއި، ގުޅޭބިލަކާއި، ދަތުރުފަތުރުގެ ކަންކަމުގައި ހުރި މައްސަލަތައް ހައްލުކުރެވޭނެ ފަދަ ބިލެއްގެ އިތުރުން އެންމެ ކުޑައުޖޫރަ ކަނޑައެޅުމެގެ ބިލެއްވެސް ހުށަހެޅިގެންދާނެކަމަށް މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިބިލްތަކުގެ މަސައްކަތްތައް މިދައުރުގައި ކުރުމަށް އަމާޒު ހިފާފައިވާއިރު، މިދައުރުގެ ތެރޭގައި ކުރެވޭނެ އެންމެ މުހިންމު މަސައްކަތަކީ 2020 ވަނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓްގެ މަސައްކަތް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. ބަޖެޓްގެ މަސައްކަތްތައް ކުރުމަށްޓަކައި މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީތަކާއި ހުރިހާ މެމްބަރުންވެސް ޙާއްސަ ސަމާލުކަމެއް ދެއްވައިގެން ކަންކަން ރޭވުމަށް މަޖިލިސް ރައީސް ވަނީ އިލްތިމާސް ކުރައްވާފައެވެ.

ބަޖެޓަކީ ނިމިދާ އަހަރާއި، ކުރިއަށް އޮތް އަހަރުގެ ހިނގާނެކަމަށް ލަފާކުރާ ޙަރަދުތަކާއި، ކުރެވުނު ޙަރަދުތަކުގެ ތަފްސީލް ފެންނަން ހުންނާނޭހެން ހުށަހަޅާ އެއްޗަކަށް ވީނަމަވެސް ފާއިތުވެދިޔަ 3 އަހަރެއްހާ ދުވަހުގެ ތެރޭގައި އެގޮތަށް މަސައްކަތް ހިނގާފައި ނުވާކަމަށް މަޖިލިސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޖިލީހުން އަންނަ އަހަރަށް ފާސްކުރާ ބަޖެޓްގެ މަސައްކަތް ކަމާއިބެހޭ ވުޒާރާތަކާއި ގުޅިގެން ބަރު ސްޕީޑެއްގައި ކުރިއަށް ގެންދިއުމަކީވެސް ވަރަށްބޮޑަށް އެދިވަޑައިގަންނަވާކަމެއް ކަމުގައިވެސް މަޖިލިސް ރައީސް ވިދާޅުވިއެވެ.

ދައުލަތުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް މިމަހުގެ ތެރޭގައި މަޖިލީހަށް ހުށަހަޅަންޖެހޭނެއެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ އަންނަ އަހަރުގެ ބަޖެޓް ހުށަހެޅުމުގެ ކުރިން މިނިވަން މުއައްއަސަސާތަކާއި ބައްދަލުކޮށް އެ މުއައްސަސާއަށް ބަޖެޓާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް އޮޅުންފިލުވާފައެވެ.

2020 ވަނަ އަހަރަށް ދައުލަތުން ލަފާކުރާ ބަޖެޓުގައި 83 މިލިޔަނަށްވުރެ ގިނަ ރުފިޔާ މިނިވަން މުވައްސަސާތަކަށް ވަނީ ކަނޑައަޅާފައެވެ. އަންނަ އަހަރުގެ ބަޖެޓް މިމަހުގެ ތެރޭގައި ހުށަހަޅާއިރު ސަރުކާރުން ވަނީ އޮގަސްޓްމަހުގެ ތެރޭގައި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއްވެސް މަޖިލީހުން ވަނީ ފާސްކޮށްފައެވެ.