ޚަބަރު

ސަރުކާރުގެ އަމާޒު - 5 ސަރަޙައްދުގައި މަތީ ތަޢުލީމްދޭ 5 މަރުކަޒު ޤާއިމްކުރުން


ރާއްޖޭގެ 5 ސަރަޙައްދެގައި މަތީ ތަޢުލީމްދޭ 5 މަރުކަޒު ޤާއިމްކުރައްވާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ސަރުކާރުން މިކަން ހާމަކުރައްވާފައިވަނީ މިސަރުކާރުން 5 އަހަރުދުވަހުގެ ތެރޭގައި ޙާސިލްކުރާނެ ކަންކަން ބަޔާންކޮށްފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައެވެ.

މަތީ ތަޢުލީމު ހޯދާ ދަރިވަރުން ރާއްޖޭގައި މިހާރު އިތުރުވަމުން އަންނައިރު، މި ދާއިރާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގައި ފޯރުކޮށްދެވޭ މަތީތަޢުލީމުގެ ފެންވަރު އެކަށީގެންވާ ވަރަށް ރަނގަޅު ނުވުންކަމަށް ސަރުކާރުން ފާހަގަކުރެއެވެ. ރާއްޖޭގައި މިވަގުތުހުރީ ސަރުކާރުގެ އެންމެ ދެ ޔުނިވަރސިޓީ ކަމަށްވުމާއެކު ރަނގަޅު ފެންވަރެއްގައި މަތީ ތަޢުލީމު ފޯރުކޮށްދިނުމަށް ބައެއް ހުރަސްތައް ހުރިކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން އެދާއިރާގައި އިންފްރާސްޓްރަކްޗަރ ނެތުމާއި، ބަޖެޓުގެ ދަތިތަކާއި މިދާއިރާގެ ތަރައްޤީއަށް ބޭނުންވާ ހުނަރުވެރި މީހުން މަދުވުމަކީ ފާހަގަކޮށްލެވޭ ބައެއް ކަންކަމެވެ. މަތީ ތަޢުލީމީ ދާއިރާއިން ޚާއްޞަ އިސްކަމެއްދޭ ކަންތައްތަކުގެ ތެރޭގައި، މަތީ ތަޢުލީމުގެ ފުރުޞަތުތައް އިތުރުކުރުމާއި، ދަރިވަރުންނަށް މާލީ ވަޞީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ވަނީ 5 އަހަރު ދުވަހުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ރާއްޖެ 5 ސަރަޙައްދަކަށް ބަހާލައި ތަރައްޤީކުރާއިރު، 2023ވަނަ އަހަރުގެ ނިޔަލަށް އެފަސް ސަރަޙައްދުގައި މަތީ ތަޢުލީމް ފޯރުކޮށްދޭނެ ފަސް މަރުކަޒު ޤާއިމްކުރުމަށެވެ. މިއީ މަތީ ތަޢުލީމް ޙާސިލްކުރުމަށް މާލެއަށް ރައްޔިތުން ޖަމާވުން ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެކެވެ.

މީގެ އިތުރުން 2023ވަނަ އަހަރުގެ ނިޔަލަށް އެ 5 ސަރަޙައްދުގައި 5 ޖޫނިއަރ ކޮލެޖް ޤާއިމްކުރުމަށްވެސް ސަރުކާރުން ވަނީ އަމާޒުކޮށްފައެވެ. އަދި އެ 5 ސަރަޙައްދުގައި ޒަމާނީ ފެންވަރުގެ މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގެ ތަމްރީން ފޯރުކޮށްދޭ 5 މަރުކަޒުވެސް 5 އަހަރު ދުވަހުގެ ތެރޭގައި ޤާއިމްކުރައްވާނެކަމަށް ސަރުކާރުން ވަނީ އެކްޝަން ޕްލޭންގައި ހާމަކުރައްވާފައެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ތެރޭގައިވަނީ މަތީ ތަޢުލީމްގެ ދާއިރާއިން ވެވަޑައިގެންނެވި ބައެއް ވަޢުދުތައް ފުއްދަވާފައެވެ. އެގޮތުން ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމެއް ވަނީ ތަޢާރަފްކޮށްފައެވެ. ސަރުކާރުން ވަނީ 2023ގެ ނިޔަލަށް ހިލޭ ފުރަތަމަ ޑިގްރީއަށް ކިޔަވާ ދަރިވަރުންގެ ޢަދަދު ފަންސަވީސް ހާހަށްވުރެ އިތުރުވާނެކަމަށް ލަފާކުރައްވާފައެވެ. އަދި މަތީ ތަޢުލީމްގެ ލޯން އިންޓްރެސްޓް ރޭޓް 2021 ވަނަ އަހަރުގެ ނިޔަލަށް 1 އިންސައްތައަށް ދަށްކުރުމަށްވެސް ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ވަނީ އަމާޒުކުރައްވާފައެވެ.