ޚަބަރު

މަގާމުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފާ އޮފިސަރުންގެ ޝަރުތު ފުރިހަމައެއް ނުވޭ - މިނިސްޓަރ އިމްރާން


ޖަލު އޮފިސަރުން އެމީހުންގެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަނާތަކެތި ޖަލަށް ވެއްދުމުގައި އެހީތެރިވެ އެކަމަށް ތަރުހީބުދޭނަމަ އެ އޮފިސަރަކީ މަޤާމުގެ ޝަރުޠުހަމަނުވާ އޮފިސަރެއްކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުއްﷲ ވިދާޅުވެއްޖެއެވެ.

ޖަލަށްވެއްދުން މަނާތަކެތި ހުއްޓުވުމާ ގުޅޭގޮތުން "ޕްރިވެންޓިން ކޮންޓްރަބޭންޑްސް 2019" މިނަމުގައި ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުން ފަށްޓަވައިދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިފަދަ މަސައްކަތު ބައްދަލުވުމެއް ކުރިއަށްގެންދިޔުމަކީ މުހިންމު ކަމެއްކަމަށާ ޖަލުގެ ޙާލަތު ބަދަލުކުރުމަށް ކުރަންޖެހިފައިވާ އެންމެ މުހިންމުއެއް ކަމަކީވެސް އެއީކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ވޯކްޝޮޕަށްފަހު ނަތީޖާއަކަށް ވާންޖެހޭނީ އެތަކެތި ވެއްދުން މަދުކުރުންކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޖަލަށް މަނާއެއްޗެއް ވެއްދުމުގައި އޮފިސަރެއްގެ ބައިވެރިވުން އޮތުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ އަމަލެއް ހިންގައިގެން ނުވާނެކަމަަށެވެ. އަދި ޖަލު އޮފިސަރުން މަސައްކަތްކުރުމުގައި އިޙްލާސްތެރިވުމަށްވެސް މިނިސްޓަރ ވަނީ އޮފިސަރުންނަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ވޯކްޝޮޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުއްﷲ މުނާޒް ވިދާޅުވީ ޖަލަށް މަނާތަކެތި ވައްދާ މައްސަލައަކީ ހުއްޓުވަންޖެހިފައިވާ ބޮޑު މައްސަލައެއް ކަމަށެވެ. އަދި އޮފިސަރުންނަށް ކުރިއަށްގެންދެވޭ މި ވޯކްޝޮޕްގެ މަގުސަދަކީ މަނާތަކެތި ޖަލައް ވަންނަ ގޮތްތައް ހޯދައި އެކަން ހުއްޓުވަން ކުރެވެންހުރި މަސައްކަތްތައް ދެނެގަތުންކަމަށެވެ.

އެއްދުވަހުގެ މުއްދަތައް ކުރިއަށްދާ މިމަސައްކަތު ބައްދަލުވުމުގައި އެކި ޖަލުތަކުގެ އޮފިސަރުން ބައިވެރިވެފައިވެއެވެ. މިއާއެކު އެއޮފިސަރުންގެ ހުށަހެޅުންތަކާއި ޖަލަށް މަނާތަކެތި ވަންނަގޮތްތައް ލިސްޓުކުރުމާއި އެކަން މަދުކުރުމާއި ހުއްޓުމަށް ކުރެވޭނެ ކަންކަމާއި ގުޅޭގޮތުން މަޝްވާރާ ކޮށްފައިވެއެވެ.