ކުޅިވަރު

ލިވަޕޫލަށް މިއީ ވަރަށް ރަނގަޅު ފިލާވަޅެއް: ކްލޮޕް


ސަލްސް ބާގާ ދެކޮޅަށް ރޭ 4-3އިން ލިވަޕޫލް މޮޅުވި މެޗަކީ ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

އޭނާ މިހެން ބުނީ ލިވަޕޫލް ތިން ގޯލުގެ ލީޑެއްގައި އޮއްވައި ސަލްސް ބާގް އެއްވަރުކުރުމުން ފަހަރުން އަރައި މޮޅުވާން ޖެހުމުން އެކަމަށް އިޝާރާތް ކޮށެވެ.

"އަހަރުމެން މި މެޗުގެ ފުރަތަމަ 30 މިނިޓްގައި ކުޅުނީ މިހާތަނަށް ކުޅުނު އެންމެ މޮޅު ފުޓްބޯޅަ. އެކަމަކު އޭގެ ފަހުން ފަރުވާ ކުޑަވީ. ދެން ހާއްސަކޮށް އެމީހުން ފޯމޭޝަން ޗޭންޖްކޮށް ވަރުގަދަ ރިސްކެއްނެގީ. މިހެންވީމާ އަހަރުމެންނަށް މެޗު އުނދަގޫވި. އަހަރުމެން ތިބީ ނިދާފައި. މިއީ ހަގީގަތުގައި އަހަރުމެންނަށް ލިބުނު ވަރަށް ރަނގަޅު ފިލާވަޅެއް،" އެންމެ ފަހުގެ މުބާރާތުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުންޏެވެ.

ކްލޮޕް ބުނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި ނަޕޯލީ އަތުން ބަލިވެފައިވުމުން މި މެޗުން ލިބުނު ތިން ޕޮއިންޓަކީ ވަރަށް މުހިންމު ތިން ޕޮއިންޓް ކަމަށެވެ.

"މި މުބާރާތުގެ ފޯމެޓް އޮތްގޮތުން ގޯލަކީ ވެސް ވަރަށް މުހިންމު އެއްޗެއް. އެކަމަކު ފުރަތަމަ ކަމަކީ ޕޮއންޓް އެއްކުރުން. މެޗު ކިތަންމެ އުނދަގޫވި ނަމަވެސް ތިން ޕޮއިންޓް ލިބުމުން އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެކަމަކު ކުޅުންތެރިންނަށް މި މެޗުގެ ހަނދާންތައް އާކުރެވޭނެ ގޮތެއް ރާވައި ކުރިއަށްހުރި މެޗުތަކާމެދު ސަމާލުވާން އެނގެންޖެހޭ،" އިނގިރޭސި ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނާގައި އޮތް ޓީމުގެ ކޯޗު ބުންޏެވެ.

ރޭގެ މެޗުން މޮޅުވި ނަމަވެސް ގޯލުގެ ތަފާތުން ލިވަޕޫލަށް ލިބެނީ ތިން ވަނަ އެވެ. އެއީ ޕޮއިންޓްގެ ގޮތުން ސަލްސްބާގާ އެއްވަރުވުމުންނެވެ. މި ދެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު ގްރޫޕް އީގެ އެއްވަނާގައި ހަތަރު ޕޮއިންޓާއެކު އޮތީ ނަޕޯލީ އެވެ. އެ ޓީމު ރޭ ލަނޑެއް ނުޖެހި އެއްވަރުވީ ގެންކާ ވާދަކޮށެވެ.