ވިޔަފާރި

ވޯލްޑް ޓްރެވެލް އެވޯޑްސްގެ 6 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެ


ފަތުރުވެރިކަމުގެ ދާއިރާގައި އޮސްކާގެ ނަމުން ނަންދީފައިވާ ވޯލްޑް ޓްރެވެލް އެވޯޑްސްގެ ދުނިޔޭގެ ފެންވަރުގެ 6 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެއްޖެއެވެ.

މިއަހަރުގެ އެވޯޑްގައި ރާއްޖެއިން ނޮމިނޭޓްވެފައިވަނީ،

  • ވޯލްޑް ލިޑިންގ ބީޗް ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިންގ ޑައިވް ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން
  • ވޯލްޑް ލީޑިންގ އައިލެންޑް ޑެސްޓިނޭޝަން
  • ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަން އެވެ.

މިއަހަރުގެ ޓްރެވެލް އެވޯޑްސް އޮންނާނީ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އޮމާންގެ ރޯޔަލް އޮޕެރާ ހައުސް މަސްކެޓްގައެވެ. ދުނިޔޭގެ ފެންވަރުގެ 6 އެވޯޑަކަށް މިއަހަރު ރާއްޖެ ނޮމިނޭޓްވެފައިވާއިރު މިދިޔަ އަހަރުވެސް ރާއްޖެއަށް ވަނީ ވޯލްޑްސް ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ ޝަރަފުވެރި އެވޯޑު ލިބިފައެވެ.

ދުނިޔޭގެ ފެންވަރުގެ މި އެވޯޑުތަކުގެ އިިތުރުން ވޯލްޑް ލީޑިންގ ޓޫރިސްޓް ބޯޑުގެ އެވޯޑަށް އެމްއެމްޕީއާރުސީ ވަނީ ނޮމިނޭޓްވެފައެވެ. އެމްއެމްޕީއާރުސީ އަކީ ރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔެއަށް އިޝްތިހާރުކުރުމަށްޓަކައި ރާއްޖޭގައި އެންމެ ފުޅާދާއިރާގައި މަސައްކަތްކުރަމުންދާ ކުންފުންޏެކެވެ.

ޓްރެވެލް އެވޯޑްސް ކުރިއަށްގެންދަނީ 3 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިޔަށްގެންދަނީ ޤައުމީ ފެންވަރުގެ އެވޯޑުތަކެވެ. އެއަށްފަހު ސަރަޙައްދީ ފެންވަރުގެ އެވޯޑު ދޭއިރު މިހާރު ޓްރެވެލް އެވޯޑުތަކުން ތައްޔާރުވަމުން ދަނީ ދުނިޔޭގެ ފެންވަރުގެ އެވޯޑުތަކަށެވެ.

އެގޮތުން މިދިޔަ ޖޫން މަހު ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ އެފްރިކާ އަދި އިންޑިއަން އޯޝަން ގާލާ ހަފްލާގައި ރާއްޖެއަށް ވަނީ ޝަރަފުވެރި 3 އެވޯޑެއް ލިބިފައެވެ. އެއީ އިންޑިއަން އޯޝަން ލީޑިންގ ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިންގ ބީޗް ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަން ލީޑިންގ ޑައިވް ޑެސްޓިނޭޝަންގެ އެވޯޑެވެ.

ވޯރލްޑް ޓްރެވެލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ދާއިރާއާއި ދަތުރުފަތުރާއި މެހުމާންދާރީގެ ދާއިރާއިން ކުރިއަރަމުންދާ ޤައުމުތަކުގެ މަސައްކަތްތައް ފާހަގަކުރުމަށްޓަކައި 1993 ވަނަ އަހަރު ދެމުން އަންނަ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ އެވޯޑެކެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް ދެމުން އަންނަތާ މިއަހަރަށް 26 އަހަރު ފުރިފައިވާއިރު މިއީ މި ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑެވެ.