ދީން

ފިތުރު ޒަކާތް ބަލައިގަތުން ރޯދަމަހުގެ 4 އިން 27 އަށް


ރަމަޟާން މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހަތާވީސް ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައިގަތުން މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ފަޤީރުންގެ ގޮތުގައި މި އަހަރު ނަން ނޯޓު ކުރަން ބޭނުން ވާ ފަރާތްތަކަށް ރަމަޟާން މަހުގެ 8 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހާއި ދެމެދު ފުރުސަތު އޮންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.ފިތުރު ޒަކާތް ނެގުމުގައި މިނިސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދޭ ވިޔަފާރި ކުންފުނިތަކާއެކު މިއަދު ބޭއްވި ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ވިދާޅުވީ ފަޤީރުންގެ ނަން ނޯޓު ކުރުމާއި ޒަކާތް ބަލައި ގަތުންވެސް މާލޭގައި ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި، ބަންދުނޫން ދުވަސްތަކުގެ ދިހަގަޑި ތިރީހުން މެންދުރު އެކަކަށް ކަމަށެވެ. އަދި ހަމަ އެހެންމެ ރައްރަށުގެ ރަށުކައުންސިލް ތަކުގައިވެސް ހަމަ އެމުއްދަތުގެ ތެރޭ އެމަސައްކަތް ކުރިއަށްދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ފަހަކަށް އައިސް ކޮންމެ އަހަރެއްގެ ރަމަޟާން މަހެއްގެވެސް ފިތުރުޒަކާތް ބަލައިގަތުމަށް ރާއްޖޭގައި މަސައްކަތް ކުރާބައެއް ވިޔަފާރި ކުންފުނި ތަކުން މިނިސްޓްރީއަށް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން މިއަހަރުވެސް މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނި ކަމަށްވާ ދިރާގާއި އުރީދޫގެ އިތުރުން ބޭންކްއޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކު މެދުވެރިކޮށް ޒަކާތް ދެއްކޭނެއެވެ. އަދި ހަމަ އެހެންމެ މިއަހަރު އަލަށް ވަނީ އެލައިޑް އިންޝުއަރެންސް މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމްތައް އެކުންފުނިންވެސް ވަނީ ޤާއިމް ކޮށްފައެވެ. އެގޮތުން އެކުންފުނީގެ ފްރަންޓް އޮފީސް ކައުންޓަރުން ޒަކާތު ފައިސާ ބަލައިގަތުމަށް ހަމަޖެހިފައި ވާކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ.ދިރާގާއި އުރީދޫގެ ފަރާތުން އެސް.އެމް.އެސްގެ ޒަރީއްޔާއިން ޒަކާތް ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައި ވާއިރު ބީ.އެމް.އެލް އާއި އިސްލާމިކް ބޭން ކުގެ އިންޓަރ ނެޓް ބޭންކިން ހިދުމަތުގެ ތެރެއިން ޒަކާތު ފައިސާ ދެއްކޭނެ ކަމަށް އެ ކުންފުނި ތަކުން މަޢުލޫމާތު ދެއެވެ.