ޚަބަރު

2054 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގެ %64އަށްވުރެ ގިނަ މީހުން މާލެ ސަރަހައްދަށް ބަދަލުވާނެ - ދިރާސާ


2054 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އާބާދީގެ 64 އިންސައްތައަށްވުރެ ގިނަ މީހުން މާލެ ސަރަހައްދަށް ދިރިއުޅުން ބަދަލުކުރާނެކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

2014 ވަނަ އަހަރުން 2054 ވަނަ އަހަރާ ހަމަޔަށް ރާޢްޖޭގެ އާބާދީ އިތުރުވާނެކަމަށް ލަފާކުރެވޭ މިންވަރު ބެލުމަށް ޔޫއެންއެފްޕީއޭއިން ތައްޔާރުކޮށްފައިވާ "މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަންސް 2014-2054" ރިޕޯޓު ދައްކާގޮތުން 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 64 އިންސައްތައަށް ވުރެ ގިނަ މީހުން މާލެ ސަރަހައްދަށް ބަދަލުވާނެކަމަށް ލަފާކުރެވެއެވެ. އެ ރިޕޯޓުގައިވާގޮތުން އާބާދީއަށް އަންނަ މި ބަދަލާއެކު ދިވެހިންގެ ދިރިއުޅުމަށް ބަދަލުއައިސް އިޖްތިމާޢީ އަދި އިޤްތިޞާދީ ބަދަލުތަކެއްވެސް އަންނާނެކަމަށް ލަފާކުރެވެއެވެ. ބޯހިމެނުމުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2014 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 38 އިންސައްތަ މީހުން ދިރިއުޅެމުންދަނީ މާލޭގައެވެ.

މި ރިޕޯޓުގައިވާގޮތުން ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންގެ ނިސްބަތް ފާހަގަކުރެވޭ މިންވަރަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން 2054 ވަނަ އަހަރާ ހަމައަށް ކޮންމެ 10 ކުއްޖަކަށް އުމުރުން ދުވަސްވީ 7 މީހަކު ތިބޭނެކަމަށް ލަފާކުރެވެއެވެ. އެހެންކަމުން ޔޫއެންއެފްޕީއޭއިން އުމުރުން ދުވަސްވީ މީހުންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ޒުވާނުންގެ އުފެއްދުންތެރިކަން އިތުރުކޮށް ދިރިއުޅުމުގެ ވައްޓަފާޅިއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކޮށްފައެވެ.

ރާއްޖޭގެ ޖުމްލަ އާބާދީގެ ނިސްބަތުންބަލާނަމަ، 2014 ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ ކުޑަކުދިންގެ އާބާދީއަކީ 28 އިންސައްތައެވެ. ނަމަވެސް 2054 ވަނަ އަހަރާއި ހަމައަށް އަންނައިރު މިނިސްބަތް 18 އިންސައްތައަށް ދަށަށްދާނެކަމަށް ލަފާކުރެވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މަސައްކަތްކުރާ އާބާދީގެ ނިސްބަތް އެއްވަރެއްގައި ހިފެހެއްޓިފައި ހުންނާނެއެވެ. އޭގެ ސަބަބެއްކަމަށް ބެލެވެނީ މަސައްކަތްކުރާ އާބާދީގައި ޅަކުދިންނާއި ޒުވާނުން ގިނަވުންކަމަށް މި ރިޕޯޓުން ދައްކައެވެ.

މިރިޕޯޓު ދައްކާގޮތުން 2054 ވަނަ އަހަރާހަމައަށް ރާއްޖޭގެ އާބާދީ އެއްމިލިޔަނާ ގާތްކުރާނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން އެހާތަނަށް ރާއްޖޭގެ އާބާދީގެ 72 އިންސައްތައަކީ ދިވެހިންކަމަށް ލަފާކުރެވޭއިރު އާބާދީގެ 22 އިންސައްތަ ހިއްސާކުރާނީ ބިދޭސީންކަމަށް ލަފާކުރެވެއެވެ. އަދި މިރިޕޯޓު ދައްކާގޮތުން އެކި ރަށްރަށުން އަހަރަކު 2200 މީހުން މާލެއަށް ބަދަލުވާކަމަށް އަންދާޒާކުރެވެއެވެ.

މި އަދަދު އަންދާޒާކޮށްފައިވަނީ އެކި ބޭނުންތަކުގައި މާލެއަަށް ދިރިއުޅުން ބަދަލުކުރިތާ އެއް އަހަރުވެފައިވާ މީހުންގެ އަދަދަށް ބިނާކޮށްފައެވެ. މިފަދަ ރިޕޯޓުތަކަކީ ބޯހިމެނުމުގައި ނަގާ ތަފާސްހިސާބުތަކަށް ބިނާކޮށް ތައްޔާރުކުރާ ރިޕޯޓުތަކެއްކަމުން އެކަމުގައި އާންމުން އެއްބާރުލުން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިފަދަ މަޢުލޫމާތުތަކަކީ ޤައުމުގެ ކުރިމަގު ބިނާކުރުމަށް ތައްޔާރުކުރާ އެކި ޕްލޭންތައް ތައްޔާރުކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާނެ ރިޕޯޓުތަކެކެވެ.