ޚަބަރު

އިންޑިއާއިން ހެޔޮ އަގުގައި ބްރޭންޑެޑް ބޭސް ގަނެވޭނެ އިންތިޒާމު ހަމަޖައްސަނީ


އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއަށް ރަނގަޅު ބްރޭންޑުތަކުގެ ބޭސް ހެޔޮ އަގެއްގައި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ހާމަކުރައްވާފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، އިންޑިއާ ސަފީރު ސަންޖޭ ސުދީރު ވަނީ ސިއްޙީ ދާއިރާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރައްވަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހުޅުމާލޭގައި 100 އެނދުގެ ކެންސަރ ބަލީގެ ފަރުވާއަށް ޙާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމަށް މަސައްކަތްކުރަމުންދާކަން ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ދިވެހިން ބޭސްފަރުވާއަށް ބޮޑު ޚަރަދެއް ކުރާކަން ފާހަގަކުރައްވައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރުވަނީ، މި މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަފީރު ވިދާޅުވިއެވެ. އެގޮތުން މި މަސައްކަތުގެ ދަށުން އެސްޓީއޯއާއި އިންޑިއާގެ "އަމްރިތް" ކުންފުންޏާއި ދެމެދު ޤާއިމުކުރާ އެއްބަސްވުމުގެދަށުން ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެހިގެންދާނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އިންޑިއާއަކީ ދުނިޔޭގައިވެސް ބޭސް ހެދުމަށް މަޝްހޫރު ޤައުމެއް. ދިވެހިން ބޭސްފަރުވާއަށް ބޮޑު ޚަރަދެއް ކުރޭ. އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަތުމުގެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްކުރަމުން މިދަނީ." ސަފީރު ސަންޖޭ ސުދީރު ވިދާޅުވިއެވެ.

އިންޑިއާގެ ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއަށް ބްރޭންޑެޑް ބޭސް ހެޔޮ އަގެއްގައި ގަނެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާއިރު، އިންޑިއާ އާއި ރާއްޖެއާ ދެމެދު ޤާއިމްކުރާ ކާގޯ ފެރީ ނިޒާމުގެ ސަބަބުންވެސް ރާއްޖެއަށް ބޭސް އެތެރެކުރުމަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެންދާނެއެވެ. މި ޚިދުމަތުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް މުދާ އެތެރެކުރުމުގައި ބޮޑު ލުއިފަސޭހަކަމެއް ލިބޭނެއެވެ. އެގޮތުން މި ނިޒާމުގެ ސަބަބުން ކޮލޮމްބޯ އާއި ދުބާއީ މަގުން ރާއްޖެއަށް އެތެރެކުރާ އަގަށްވުރެ ކުޑަ އަގެއްގައި މުދަލާ ބޭސް އެތެރެކުރެވޭނެކަމަށް އިންޑިއާ ސަރުކާރުން ހާމަކުރައްވައެވެ.