ޚަބަރު

3 ސަރަހައްދެއްގައި ޤަވައިދާ ހިލާފަށް ޕާކުކޮށްފިނަމަ ޓޯ ކުރާނަން - ފުލުހުން


މާލޭގެ 3 ސަރަހައްދެއްގައި ޤަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަމުންދާނެކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސް އިން ވިދާޅުވެއްޖެއެވެ. ފުލުހުންގެ އިދާރާއިން ވިދާޅުވީ ޤަވައިދާ ހިލާފަށް ޕާކުރާ އުޅަނދުތައް ޓޯ ކުރަމުން ގެންދާނެކަމަށެވެ.

ޚާއްސަ ސަމާލުކަމެއްދީގެން އުޅަނދުތައް ޓޯ ކުރާނެ ސަރަހައްދުތައް

- ބޮޑުތަކުރުފާނު މަގު ( އެމްޓީސީސީ ފެރީ ޓާމިނަލް ކުރިމަތިން ފެށިގެން ބީއެމްއެލް ޑޮލަރ އޭޓީއެމް ހުންނަ ސަރަހައްދު)
- އަމީނީމަގު ( ބީއެމްއެލް ކަސްޓަމަރ ސަރވިސް ސެންޓަރ ސަރަހައްދު )
ކަނބާއައިސާރަނި ހިނގުން ( އަޖީއެމްއެޗް ސަރަހައްދު )

ފުލުހުން ވިދާޅުވީ މި ސަރަހައްދުތަކުގައި ފަހަކަށް އައިސް ޤަވައިދާ ހިލާފަށް އެއްގަމު އުޅަނދު ޕާކުކުރުން އިތުރުވެފައިވާކަމަށެވެ. އަދި މި ސަރަހައްދުތަކަށް ޚާއްސަ ސަމާލުކަމެއް ދީގެން އެ ސަރަހައްދުތަކުގައި ޤަވައިދާ ހިލާފަށް ޕާކުކޮށް ހުންނަ އުޅަނދުތައް ޓޯ ކުރަމުން ގެންދާނެކަމަށެވެ.

ޤަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަމުންދާނެކަން ފުލުހުން ހާމަކޮށްފައިވާ ސަރަހައްދުތަކީ ގިނަ އަދަދަކަށް ޤަވައިދާ ހިލާފަށް އެކި އުޅަނދުތައް ޕާކުކުރަމުން އަންނަ ސަރަހައްދުތަކެވެ. އަދި އެކަމުގެ ސަބަބުން ޓްރެފިކް ތޮއްޖެހި އެ ސަރަހައްދުން ދަތުރުފަތުރު ކުރާ ފަރާތްތަކާއި ހިނގާ ބިނގާވެ އުޅޭ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވަމުން އަންނަ ސަރައްދުތަކެވެ.

ފުލުހުން ވިދާޅުވީ ޚާއްސަ ސަމާލުކަމެއްދީގެން އުޅަނދުތައް ޓޯ ކުރާނެކަމަށް ކަނޑައެޅި ސަރަހައްދުތަކުގެ އިތުރުން އެހެން ސަރަހައްދުތަކުގައިވެސް ޤަވައިދާ ހިލާފަށް ޕާކުކުރާ އުޅަނދުތައް ޓޯ ކުރަމުން ގެންދާނެކަމަށެވެ.

ކޮންމެ ހަފްތާއަކުން ފުލުހުން އާއްމުކުރާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފްތާގައިވެސް ޤަވައިދާ ހިލާފަށް ޕާކުކޮށްގެން 76 އުޅަނދެއްވަނީ ޓޯ ކޮށްފައެވެ. އަދި ޤަވައިދާ ހިލާފަށް ޕާކުކުރި 481 އުޅަނދެއްގައި ވަނީ ސްޓިކާ ޖަހާފައެވެ.

ޤަވައިދާ ހިލާފަށް ޕާކުކޮށްގެން ޓޯ ކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން ވެރި ފަރާތުން ނުގެންގޮސް ހުރި 200 ވުރެ ގިނަ ވެހިކަލްތައް މިއަހަރުގެ ކުރީކޮޅު ފުލުހުންވަނީ ނައްތާލަފައެވެ.