ޚަބަރު

ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުން މިހާރުވަނީ އިތުރުވެފައި - ފަޒްނާ އަޙްމަދު


އައިޖީއެމްއެޗްގައި ޤާއިމުކުރި ސެންޓަރ ފޯރ މެންޓަލް ހެލްތާއެކު، ނަފްސާނީ ބަލިތަކަށް ފަރުވާހޯދާ މީހުން އިތުރުވެފައިވާކަމަށް ފާހަގަވެފައިވާކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެވެ.

މެންޓަލް ހެލްތް ޑޭއާއި ގުޅިގެން އައިޖީއެމްއެޗާއި، ހެރިޓޭޖް މިނިސްޓްރީއާއި ރޮޓްރީ ކްލަބް ގުޅިގެން އަރޓް ގެލަރީގައި ފެށި "އިން މައި މައިންޑް"އެގްޒިބިޝަން ފަށްޓަވައިދެއްވި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުއެވެ.

އެގްޒިބިޝަން ފަށްޓަވައިދެއްވައި ވާހަކަފުޅު ދައްކަވަމުން ފަޒްނާ އަޙްމަދު ވިދާޅުވީ މެންޓަލް ހެލްތް ސެންޓަރާއެކު ނަފްސާނީ ދުޅަހެޔޮކަމަށް މީހުން ހޭލުންތެރިވިކަން ފާހަގަވިކަމަށެވެ. އެގޮތުން މިބައްޔަށް ފަރުވާ ހޯދާ މީހުން އިތުރުވަމުން އަންނައިރު، ދެމެހެއްޓެނިވި ގޮތެއްގައި މިކަމަށް ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

"ނަފްސާނީ ބައްޔަށް ދޭ ފަރުވާގެ ފެންވަރު މިހާރަށްވުރެ އިތުރުކުރަންޖެހޭ. ވަސީލަތްތަކާއި، ބޭހާއި، ތެރެޕިސްޓުންނާއި، އަދި އެމީހުންނަށް ފަރުވާދޭ ވޯޑް އިތުރުކުރުމަށްވެސް އިސްކަންދޭންޖެހޭ." ފަޒްނާ އަޙްމަދު ވިދާޅުވިއެވެ.

އެކަމަނާވަނީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދުޅާހެޔޮ ދިރިއުޅުމެއް ޙީޔާރުކުރުމަށް ގޮވާލައްވާފައެވެ. އެގޮތުން ރަނގަޅު ކާނާ ބޭނުންކުރުމާއި، ކަސްރަތާއި، ރަޙްމަތްތެރިންނާއި ޢާއިލާއާ އޮންނަގުޅުން ރަނގަޅުކުރުންފަދަ ރީތި އާދަތަކަށް އަށަގެންނެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ނަފްސާނީ މައްސަލަތަކުން ދުރުހެލިވުމަށް މީހާއަށް ތުރާވާފަދަ ކަންކަމުން ވީހާވެސް ބޮޑަށް ދުރުހެލިވުމަށްވެސް އެކަމަނާ އެދިވަޑައިގެންނެވިއެވެ. އެކަމަނާ ވިދާޅުވީ ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުން އެކަމުން ސަލާމަތްކުރުމަށް އެމީހުންގެ ވާހަކަތައް އަހައި މުޖުތަމަޢުގެ އަޅާލުން ވަރަށްބޮޑަށް ބޭނުންވާކަމަށެވެ.

"އިން މައި މައިންޑް" އެގްޒިބިޝަނަކީ ނަފްސާނީ ބަލި ތަޙައްމަލުކުރާ މީހުންނާއި ޢާއްމުންނަށް ހުޅުވާލައިގެން ފެށި އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަނުންގައި، ކުރެހުންތަކާއި، އަތްތެރިމަސައްކަތާއި، ޓޯކް ޝޯވތައް އޮންނާނެއެވެ.

2 ދުވަހަށް ކުރިއަށްގެންދާ މިއެގްޒިވިޝަންވަނީ ޢާއްމުންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލާފައެވެ.