ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޓެރަރިޒަމްގެ ޤާނޫނަކީ ޓެރަރިޒަމްގެ ޢަމަލުތައް ހިންގާ ފަރާތްތަކަށާއި، އެކަމަށް ބާރުދޭ ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅުއަޅައި، ޓެރަރިޒަމް ހުއްޓުވުމަށް ކަމާއިބެހޭ ފަރާތްތަކަށް ޤާނޫނީ އިމުގެތެރެއިން ގިނަ ލުއިތަކަކާއި ފަސޭހަތަކެއް ލިބިދީފައިވާ ޤާނޫނެކެވެ.
ޤާނޫނުގައި ޓެރަރިޒަމްގެ ކުށެއްގެގެ ގޮތުގައި ބެލެވޭ ހަތްކަމެއް ބަޔާންކޮށްފައިވެއެވެ. ޓެރަރިޒަމްގެ ކުށްތަކުގެ ގޮތުގައި ޤާނޫނުގެ ތެރެއިން ކަނޑައެޅެނީ މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުމާއި، ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުމާއި ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމާއި މުދަލަށް ބޮޑެތި ގެއްލުން ދިނުމާއި ފަސިންޖަރުން ނުވަތަ މުދާ އުފުލައި އުޅަނދެއް ހައިޖެކްކުރުމުގެ އިތުރުން އާންމުންނަށް ނުވަތަ ޢާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ޙާލަތެއް ކުރިމަތި ކުރުވުމެވެ.
މީގެ އިތުރުން ޓެރަރިސްޓް ހަގުރާމަ ހިނގާ ސަރަހައްދަކަށް ދިއުމާއި، ހަނގުރާމާގައި ބައިވެރިކުރުމަށް އެހެން މީހުން ފޮނުވުމަކީވެސް ކުށެކެވެ.
ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށްސާބިތު ކުރުމަށް ޢާންމު މައްސަލަތަކާޚިލާފަށް ބައެއް ހެކިތައް ގަބޫލުކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ. އެގޮތުން ކުށެއް ކުރިކަމަށް އެއްބަސްވެ ޝަރީއަތުގެ މަޖިލީހުގައި ދޭ އިޢުތިރާފާއި މީހަކު މަރުވަމުން ދައުވާއާއި ގުޅުން ހުރި ހަގީގަތަކަށް ބާރު ލިބޭ ގޮތަށް އެމީހަކު ބުނެފައިވާ އެއްޗެސް ވެސް ހެކީގެ ގޮތުގައި ބަލައި ގަނެވޭނެ ކަމަށް ބިލުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން 48 ގަޑިއިރަށް ބަލައި ފާސްކޮށް ހައްޔަރުކުރުމުގެ ހުއްދަ ފުލުހުންނަށް ދޭގޮތަށް އޮތްނަމަވެސް އެހުއްދަ 24 ގަޑިއިރަށް ބިލްފާސްކުރިއިރު ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން "ރިޕޯޓިން މެކޭނިޒަމެއް" ޤާއިމްކޮށް ކޮންމެ 6 މަހަކުން 6 މަހަކުން ކަމާބެހޭ ވަޒީރު، ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށާއި ކޮމިޓީއަށް މިރިޕޯޓް ހުށަހަޅަން ޖެހޭގޮތަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މިބިލުން ބޭރުގެ ޓެރަރިސްޓް ޖަމާއަތްތަކާއި ބައިވެރިވެ ހަނގުރާމަތަކަށްދާ ފަރާތްތައް އެޤައުމުތަކުގައި ހާލުގައި ޖެހުމުން ރާއްޖެގެނެސް އަލުން މުޖުތަމައަށް ނިކުތުމުގެ ފުރުސަތުލިބިދެއެވެ. މިގޮތަށްގެނެވޭ މީހުންނަށް ޤާނޫނުގެ ތެރެއިން ޤާއިމްކުރެވޭ ޚާއްސަ ރިހެބިލިޓޭޝަން ސެންޓަރުގައި ވަކި މުއްދަތަކަށް ފަރުވާދިނުމަށްފަހު ނޫނީ މުޖުތަމައަށް ދޫކޮށްނުލެވެއެވެ.
ސަރުކާރުން ހުށަހެޅި ޓެރަރިޒަމްގެ ޤާނޫނުން ޓެރަރިސްޓް ޙަރަކާތްތަކާއި، ހަނގުރާމާގައި ބައިވެރިވާ ފަރަތްތަކަށް ބޮޑެތި އަދަބުތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން ބޭރުގެ ޤައުމުތަކުގައި ހަނގުރާމަތަކުގައި ބައިވެރިވާ މީހެއްގެ އަދަބަކީ 12 އަހަރުގެ ޖަލު ހުކުމެކެވެ. ހަނގުރާމައަށް މީހަކު ފޮނުވުމާއި ހަނގުރާމަ އަށް މީހަކު ފޮނުވުމަށް ހިތްވަރު ދިނުމަކީ 10 އަހަރާއި 15 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެ ކުށެއްކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.
ޓެރަރިޒަމްގެ ބިލަށް ސަރުކާރުގެ ފަރާތުން އިސްލާޙު ހުށަހަޅުއްވާފައިވަނީ މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރާ ކޮމިޝަނުގެ މަސައްކަތް ފުރިހަމަކުރުމުގައި ޤާނޫނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށެވެ.