ޚަބަރު

ގްރީން ކްރެސެންޓް ސޮސައިޓީގެ އިސްވެރިންނާ ނައިބުރައީސް ބައްދަލުކުރައްވައިފި


ޒުވާނުން މަސްތުވާތަކެއްޗާ ދުރުހެލިކުރުމަށް ގިނަ ޤައުމުތަކެއްގައި ކާމިޔާބު މަސައްކަތްތަކެއް ކުރަމުންގެންދާ ތުރުކީގެ ޖަމްޢިއްޔާއެއް ކަމަށްވާ ގްރީން ކްރެސެންޓް ސޮސައިޓީގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައިސް އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައިި ގްރީން ކްރެސެންޓް ސޮސައިޓީން ވަނީ ފާއިތުވި ގަރުނެއްހައި ދުވަހު ދުނިޔޭގެ އެކި ޤައުމުތަކުގައި ޒުވާނުން މަސްތުވާތަކެއްޗާ ދުރުކުރުމުގެ ދާއިރާގައި މަސައްކަތްކޮށްފައެވެ. އެޖަމްޢިއްޔާއިން ކޮށްފައިވާ ކާމިޔާބު މަސައްކަތްތަކަށް ނައިބު ރައީސާ އެޖަމްޢިއްޔާއިން ވަނީ ހިއްސާކޮށްފައެވެ.

ޒުވާނުން މަސްތުވާތަކެއްޗާ ދުރުހެލިކުރުވުމަށް ތުރުކީގެ މިޖަމްޢިއްޔާއިން ވަނީ ސިންގަޕޫރު، މެލޭޝިޔާ، ސްރީލަންކާފަދަ ޤައުމުތަކުގައި ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިކަން އެޖަމުޢިއްޔާގެ ޢިސްވެރިން ނައިބު ރައީސަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާއެކު މިއަދު ބޭއްވި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝައިޚް ޢިމްރާން ޢަބްދުﷲވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު އިތުރު ކަންކަމުގެ ތެރޭގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ޙާލަތާއި މަސްތުވާތަކެތީގެ ޙާލަތާއި އަދި ޓެކްނޮލޮޖީއަށް ދެވިހިފުން ފަދަ ކަންކަން ރާއްޖޭގައި އޮތް މިންވަރާއި މިކަންކަން ޙައްލުކުރުމުގައި ހުރި ގޮންޖެހުންތައް ހިމެނެއެވެ.

ގްރީން ކްރެސެންޓަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ ތުރުކީގެ އަމިއްލަ ޖަމުޢިއްޔާއެކެވެ.