ވިޔަފާރި

15 ވަނަ ހޮޓެލް އޭޝިޔާ ސަމިޓް އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި


ރާއްޖޭގައި ބާއްވާ 15 ވަނަ ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް އަންނަ ހޯމަ ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.

2000 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ "ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލިނަރީ ޗެލެންޖް" އަކީ ކެއްކުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކޮށްގެން ރާއްޖޭގައި ބާއްވަމުން އަންނަ އެންމެ ބޮޑު އެއް ފެއަރއެވެ.

މިއަހަރުގެ ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ދަރުބާރުގޭގައެވެ. މިއަހަރުގެ އެގްޒިބިޝަންގައި 45 ޤައުމަކުން 45 އެގްޒިބިޓަރސް އަދި ބްރޭންޑް ބައިވެރިވެއެވެ.

މީގެ ތެރޭގައި ޗައިނާ، ތައިލެންޑް، އޮސްޓްރެއިލިއާ، ނިއުޒިލެންޑް، ދުބާއި، އެމެރިކާ، ސިންގަޕޯރ އަދި ކެނެޑާ ފަދަ ޤައުމުތައް ހިމެނެއެވެ. މި ޤައުމުތައް ހިމެނޭހެން 155 ސްޓޯލް ދަރުބާރުގޭގައި ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ.

މި ފެއަރ އިންތިޒާމްކުރާ މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފެރެންސް ސަރވިސަސް އިން ބުނީ މި ފެއަރގެ އެންމެ މުހިންމު އެއް މަޤުޞަދަކީ ހޮސްޕިޓާލިޓީ ދާއިރާގައި ޚިދުމަތްދޭ ފަރާތްތަކާއި، ސަޕްލައިކުރާ ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ބަދަހި ގުޅުމެއް އުފެއްދުންކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ރާއްޖޭގައި ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކުރުމަށް ވެސް މި ފެއަރ މުހިއްމު ދައުރެއް އަދާ ކުރާނެކަމަށް މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސްއިން ބުނެއެވެ.

ވިޔަފާރިތަކަށް ޚާއްސަކޮށްގެން ބަހައްޓާ ސްޓޯލްތަކުގެ އިތުރުން މި ފެއަރގެ ތެރެއިން "ހޮޓެލް އޭޝިއާ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް" ވެސް ކުރިއަށްދާނެއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ޤަބޫލުކުރާ މަތީ ފެންވަރުގެ ކެއްކުމުގެ މުބާރާތެކެވެ. މި މުބާރާތުގައި 22 ކެޓަގަރީއަކުން 400 ޝެފުން ބައިވެރިވާނެއެވެ.

ހޮޓެލް އޭޝިއާ ކަލިނަރީ ޗެލެންޖް އުފެދިގެން އައީ ރާއްޖޭގައި ކަލިނަރީ ދާއިރާއިން މޮޅެތި ޝެފުން ބިނާކުރުމުގެ މަޤްސަދުގައެވެ. މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސަރވިސަސް އިން ބުނީ ފާއިތުވި އަހަރުތަކުގައި ބޭއްވި މުބާރާތްތަކުން ރާއްޖޭގައި ކަލިނަރީ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުން އުފެދިފައިވާކަމަށެވެ.

މި ޗެލެންޖުގައި ރާއްޖެ ހިމެނޭހެން 15 ޤައުމަކުން 24 ޖަޖުން ތިބުމަށް ހަމަޖެހިފައިވެއެވެ. މި ޗެލެންޖުވެސް ކުރިއަށްދޭނީ ހޮޓެލް އޭޝިއާ އެގްޒިބިޝަންއާއެކު ދަރުބާރުގޭގައެވެ.

15 އަހަރުގެ ދިގު ތާރީޚެއް އޮތް މި އެގްޒިބިޝަނަކީ ޓޫރިޒަމް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީއާއި، ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމުޢިއްޔާގެ އަދި ބެސްޓްބައި މޯލްޑިވްސްއިން އެންޑޯޒް ކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.