މިދިޔަ މަހުގެ ވިހި ވަނަ ދުވަހު މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ދެ ގެއެއް އަނދާހުލިވެ 29 ގޭ ބީސީއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ. 
ފަހުގެ ތާރީޚުގައި މާލޭގައި ހިނގި އެންމެ ނުރައްކާތެރި އެންމެ ބޮޑު އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ އެތައް ބަޔަކުވަނީ ވަގުތީ ހިތާތަކަށް ބަދަލުވެފައެވެ. 
އެންޑީއެމްއޭޢއިން ވިދާޅުވީ އަބަދަށްފެހި މަގުގައި ހުންނަ ތިލަފުށީގޭގައި ހުރި ކެމިކަލް ރައްކާކޮށްފައިހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ބޭނުންނުކުރެވޭވަރަށް އަނދާ ހުލިވެފައިވަނީ ހެންވޭރު "ނިގާރަން" އާއި "ނެއިބަރ" ދެ ގެ ކަމަށެވެ. މި ދެގޭގޭ އިތުރުން 29 ގޭބީސީއެއް ނުވަތަ އެޕާޓްމަންޓަށްވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާކަމަށް އެ އޮތޯރިޓިން  ވިދާޅުވެއެވެ. 
އެންޑީއެމްއޭ އިން ޢާންމު ކޮށްފައިވާ ތަފާސް ހިސާބުގައިވާގޮތުގައި ގެއްލުން ލިބުނު އެޕާޓްމަންޓްތަކުގެ ތެރެއިން ކުއްޔަށް މީހުން ދިރިއުޅުނު ގޭބީސީ ތަކުގެ ޢަދަދު 25 އަށް އަރައެވެ. އަދި އަމިއްލަ ގޭގައި މީހުން ދިރިއުޅުނު އެޕާޓްމަންޓްތަކުގެ ޢަދަދު 6 އަކަށް އަރައެވެ.
		
			1- ނިގާރަން
2- ނެއިބަރ
3- އިވާއު
4- އަދޫ
5- އީރާނުގެ
6- ކަޅުހުރާ
7- ރަދުވާނިޔާ
		
					
									
			ގެއްލުން ލިބުނު ގެ ތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް މީހުން ދިރިއުޅުނީ ކަޅުހުރާ ގޭގައިކަމަށް އެންޑީއެމްއޭއިން ވިދާޅުވެއެވެ. އެގޭގައި 11 އާއިލާއެއް ދިރިއުޅުނެވެ. ދެން އެންމެ ގިނަ ޢާއިލާ ދިރިއުޅުނީ ރަދުވާނިޔާގެ އާއި އަދޫގެއެވެ. އެއިން ކޮންމެ ގެ އެއްގައި 6 އާއިލާ ދިރިއުޅުނެވެ.
ތިލަފުށީގޭގައި ހުރި ކެމިކަލް ގުދަނުގައި ހިނގި އަލިފާނުގ ހާދިސާއާއި ގުޅިގެނެ 4 ގުދަނެއްވެސް އަނދާ ހުލިވެފައިވެއެވެ. މިހާދިސާއާއި ގުޅިގެން 700އަށްވުރެ ގިނަ މީހުން ވަނީ އެންޑީއެމްއޭގެ އެހީތެރިކަން ހޯދާފައެވެ. އަދި ވަގުތީ ބޯހިޔާވަހިކަން 260 އަށްވުރެ ގިނަ މީހުން ހޯދާފައިވެއެވެ. އަދި ވަގުތީ ހިޔާއަށް ބަދަލުކުރި މީހުންގެ ތެރެއިން 6 ގެއެއްގައި ދިރިއުޅުނު މީހުން އަނބުރާ އަމިއްލަ ގެއަށް ބަދަލުވުމުގެ ހުއްދަ ދީފައިވާކަމަށް އެމްއެންޑީއޭއިން ވަނީ ދީފައެވެ.
އަލިފާނުހެ ޙާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަތުމަށް ކަމާއިި ގުޅޭ ފަރާތްތަކުން ދަނީ ތަފްސީލީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.