ޚަބަރު

ޖިއްދާގެ ސުލައިމާނިއްޔާ ރެއިލްވޭ ސްޓޭޝަންގައި އަލިފާން ރޯވެ 5 މީހުން ޒަޚަމްވެއްޖެ


ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގެ ޙަރަމައިން ރެއިލްވޭ ސްޓޭޝަންގައި އަލިފާން ރޯވުމުގެ ސަބަބުން 5 މީހުން ޒަޚަމްވެއްޖެއެވެ. ސަޢުދީގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި އަލިފާން ރޯވިތާ 4 ގަޑިއިރުވީއިރުވެސް ބޯ ދުންތައް ދިޔައީ އަރަމުންނެވެ.

އަލިފާން ނިއްވުމަށްޓަކައި އެ ޤައުމުގެ މަދަނީ ދިފާޢުގެ ބާރުތަކުން ވައިގެ މަގުން މަސައްކަތްކުރަމުންދާކަމަށް ސަޢުދީ ސަރުކާރުން ހިންގާ އަލްއަޙުބާރިއްޔާ ޓީވީންވަނީ ބުނެފައެވެ. މިހެންކަމުން ރޯވެފައިވާ އަލިފާންގަނޑު އިތުރަށް ފެތުރުނަނުދީ ކޮންޓްރޯލްކުރެވިފައިވާކަމަށް ބުނެފައިވެއެވެ.

މައްކާ ސަރަޙައްދުގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކޮށްފައިވާ ޓްވީޓެއް ބުނާގޮތުގައި 5 މީހަކަށް އެކިވަރުގެ އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އަދި ކުއްލި ފަރުވާ ދިނުމަށްޓަކައި އެ ހިސާބުގައި 16 މެޑިކަލް ޓީމް ޙަރަކާތްތެރިވަމުންދާކަމަށްވެސް އެ ޓްވީޓްގައި ބުނެފައިވެއެވެ. ބާރު ދުވެލީގައި ރޭލު ދަތުރުކުރަން ހަދާފައިވާ ޙަރަމައިން ރެއިލްވޭގެ ދިގުމިނުގައި 450 ކިލޯމީޓަރު ހުރެއެވެ. މި ރެއިލްވޭއިންވަނީ މައްކާއާއި މަދީނާ އަދި ރަތްކަނޑުގެ އައްސޭރީގައި އޮންނަ ޖިއްދާ ގުޅުވައިލާފައެވެ.

2018ވަނަ އަހަރު ސަލްމާން ރަސްގެފާނު ހުޅުވާދެއްވި މި ރެއިލްވޭ ހަދާ ނިންމާ ޚިދުމަތްދޭން ފެށުމާހަމައަށް 6.7 ބިލިޔަން ޔޫރޯވަނީ ޚަރަދުވެފައެވެ.