ޚަބަރު

"ޒެންޓެކް" ބޭސް، ބޭސް ސިޓީއަކާއި ނުލައި ވިއްކުން މަނާކޮށްފި


ގޭސްޓްރިކް ބައްޔަށް ފަރުވާ ހޯދުމަށް ބޭނުންކުރާ ޒެންޓެކް ބޭސް ދާއިމީކޮށް ބޭނުންކުރުމުން ކެންސަރު ބައްޔަށް މަގުފަހިވާކަމަށް ބެލެވޭތީ، ބޭސް ސިޓީއަކާއި ނުލާ އެ ބޭސް ރާއްޖޭގައި ނުވިއްކަން، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގަވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އެމްއެފްޑީއޭއިން ވިދާޅުވީ، ޒެންޓެކް ބޭހަކީ އަބަދުވެސް ބޭސް ސިޓީއާއި އެކު ދޫކުރާ ބޭހެއްކަމަށެވެ. މި ބޭސް، ބޭސް ސިޓީއާއި ނުލާ ދޫނުކުރުމަށް އެންގީ، ބޭހާ ގުޅޭގޮތުން މައްސަލަތަކެއް ފެންމަތިވި ހިސާބުން ފެށިގެންކަމަށާ، މި ބޭސް ރާއްޖޭގައި ވިއްކުން މިހާތަނަށް މަނާކޮށްފައި ނުވަނީ ދުނިޔޭގެ އެއްވެސް ޤައުމަކުން އެފަދަ ފިޔަވަޅެއް އަދި މިހާތަނަށް އަޅާފައިނުވާތީކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. މި ބޭހުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން ބައިނަލްއަޤްވާމީ ފަރާތްތަކާއިއެކު ތަޙުލީލުތަށް ކުރަމުންދާކަން ހާމަކުރައްވާ އެމްއެފްޑީއޭއިން ވަނީ މިބޭސް ބޭނުންކުރާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމުކަމަށް ވިދާޅުވެފައެވެ.

މި ބޭސް ބޭނުންކުރުމުގައި ސަމާލުވުމަށް ބައިނަލްއަޤްވާމީގޮތުން ކަނޑައަޅާފައިވަނީ ރާއްޖެއާއި ޚިލާފަށް ދުނިޔޭގެ ބައެއް ޤައުމުތަކުގައި މިބޭސް އޯވަރ ދަ ކައުންޓަރ ބޭހެއް ނުވަތަ ބޭސް ސިޓީއާ ނުލައި ދޫކުރެވޭގޮތަށް އޮތްއޮތުން ބަދަލުކުރުމަށްކަމަށް އެމްއެފްޑީއޭއިން ވިދާޅުވިއެވެ. އެގޮތުން މި ނިންމުމުގެ ދަށުން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އާއި ޔޫރަޕިއަން މެޑިސިން އޭޖެންސީ (އީއެމްއޭ)އިން މި މަހު ވަނީ ގޭހަށް ދޭ ބޭސްތަކުގައި "އެން-ނައިޓްރޮސޮޑިމެތިލަމައިން" (އެންޑީއެމްއޭ) ހުންނަ މިންވަރު ބަލައި ރިވިއުކުރަން ނިންމާފައެވެ. އެގޮތުން ޒެންޓެކް ބޭހުގައި ކެންސަރަށް މަގުފަހިވާ މާއްދާ ހުރިކަމަށް ބެލެވޭކަމަށް މިއިދާރާތަކުން ވަނީ ނިންމާފައެވެ.