ޚަބަރު

ޕްރޯ ޑިވިޝަންގެ ޗެމްޕިއަންކަން މެކްކިބިން ބްރަދާސް ހޯދައިފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގެ ޕްރޯ ޑިވިޝަންގެ ޗެމްޕިއަންކަން ދުނިޔޭގެ މަޝްހޫރު ބީޗް ވޮލީބޯޅަ ޕެއަރ "މެކްކިބިން ބްރަދާސް" ހޯދައިފިއެވެ.

ފުރަވެރި މޯލްޑިވްސްގައި ކުރިއަށްދިޔަ މިމުބާރާތުގެ ފައިނަލް މެޗްގައި މެކްކިބިން ބްރަދާސް ކާމިޔާބުކޮށްފައިވަނީ ރޮބާޓްސް އާއި ބެންޒީގެ ޕެއާރއާއި ވާދަކޮށްގެންނެވެ. އެމެރިކާގެ ރޮބާޓްސް އާއި ބެންޒީގެ ޕެއަރގެ މައްޗަށް މެކްކިބިން ބްރަދާސްއިން މެޗް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ. މާބޮޑު ވާދަވެރިކަމެއް ނެތް ފައިނަލް މެޗް މެކްކިބިން ބްރަދާސް ގެންދިޔައީ ވަރަށް ފަސޭހަކަމާއެކުއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގައި ވާދަކޮށްފައިވާ ގިނަ ކުޅުންތެރިންނަނީ މުޅިން އަލަށް ރާއްޖެ އައިސްފައިވާ ކުޅުންތެރިންނެވެ.

ޕްރޯ ޑިވިޝަންގެ އެއްވަނައަށް ދިޔަ އެމެރިކާގެ ދެ ބެއިންކަމަށްވާ މެކްކިބިން ބްރަދާސްއަށްއަށްވަނީ 2500 ޑޮލަރުގެ ފައިސާގެ އިނާމެއް ދީފައެވެ. އަދި 2ވަނައަށް 1500 ޑޮލަރު ތިންވަނައަށް 1000 ޑޮލަރުގެ ފައިސާގެ އިނާމެއް ވަނީ ދިފައެވެ.

ޕްރޯ ޑިވިޝަންގެ އިތުރުން މިމުބާރާތުގައި މިކްސް ޑިވިޝަންއަކާއި ކުއާޓްރޯ ޑިވިޝަންއެއްވެސް ކުރިއަށްދިޔައެވެ. މިދެ ޑިވިޝަންގެ ފައިނަލްގައި ރާއްޖޭގެ ކުޅުންތެރިން ވާދަކޮށްވަނީ ބަލިވެފައެވެ. މިކްސް ޑިވިޝަންގައި ރާއްޖޭގެ ޒީނިޔާ މޫސާ އާއި އާދަމް ނަސީމްގެ ޕެއަރ ވާދަކޮށްފައިވަނީ މިރާޖްގެ ޕެއަރއާއިއެވެ. މިމެޗް މިރާޖްގެ ޕެއަރއިން ކާމިޔާބުކޮށްފައިވަނީ ސީދާ 2 ސެޓުންނެވެ. ކުއާޓްރޯ ޑިވިޝަން ކުރިއަށް ގޮސްފައިވަނީ 3 ފިރިހެން ކުޅުންތެރިންނާއި 1 އަންހެން ކުޅުންތެރިއަކު ހިމަނައިގެންނެވެ. މިބައިގައި ރާއްޖެއިން ވާދަކޮށްފައިވަނީ ދުބާއީގެ ޓީމްއަކާއިއެވެ. މިމެޗް ދުބާއީގެ ޓީމް ކާމިޔާބުކޮށްފައިވަނީ ސީދާ ދެ ސެޓުންނެވެ.

މިމުބާރާތް 3 ޑިވިޝަންއަކަށް ބަހާލައިގެން ކުރިއަށް ގެންދިޔައިރު، ޕްރޯ ޑިވިޝަންގައިި ވާދަކޮށްފައިވާ އެންމެ މޮޅެތި ކުޅުންތެރިންނެވެ. އެއީ އޮލިމްޕިކްސްގައި ކުޅެފައިވާ ކުޅުންތެރިންނާއި، ޤައުމީ ޓީމްތަކަށް ކުޅެފައިވާ ކުޅުންތެރިންގެ އިތުރުން، ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ކުޅުންތެރިންނެވެ. ޕްރެޒިޑެންޓްސް އިންޓަނޭޝަނަލް ބީޗްވޮލީބޯޅަ މުބާރާތުގައި 25 ޤައުމަކުން 85 ކުޅުންތެރިން ވާދަކުރިއެވެ.