ޚަބަރު

ރައީސް މާލެ ވަޑައިގެން ފުރަތަމަވެސް އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް


މާލޭގައި ހިނގި ނުރައްކަތެރި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ވަޑައިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އެސަރަހައްދުގެ ޙާލަތު ބައްލަވައި ލައްވައިފިއެވެ.

އދ.ގެ 74ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އެނބުރި މާލެވަޑައިގެން އެއަރޕޯޓުން އެންމެ ފުރަތަމަވެސް އެމަނިކުފާނު ވަޑައިގަތީ އަލިފާން ރޯވި ސަރަހައްދަށެވެ. އދ.ގެ އާންމު ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައީސުލް ޖުމްހޫރިއްޔާ މިމަހުގެ 21 ވަނަ ދުވަހު އެމެރިކާއާށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެންފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
އެސަރަހަށްދަށް ވަޑައިގެން އެމަނިކުފާނުވަނީ އެސަރައްހައްދުގެ ޙާލަތު މިހާރު އޮތްގޮތް ބައްލަވާލައްވައި، އެސަރަހައްދުގައި ސަލާމަތީ ބާރުތަކުން ކުރައްވަމުންދާ މަސައްކަތުގެ މައުލޫމާތު އޮޅުންފިލުވާފައެވެ.

އަލިފާނުގެ ހާދިސާގައި އެސަރަހައްދުގެ ގިނަގެތަކުން މީހުން ވަނީ ހުސްކޮށްފަެވެ. އަލިފާނުގެ ހާދިސާގައި 6 ގެއާއި، 4 ގަރާޖެއް އަދާހުލިވެފައިވާއިރު މިހިތާމަވެރި ހާދިސާގައި އެކަކުވަނީ މިދުނިޔެ ދޫކޮށްފައެވެ. މިހާދިސާގައި 400 ވުރެ ގިނަމީހުން ހާލުގައި ޖެހުނެވެ.

މިހާދިސާ ހިނގިރޭ ރައީސުލް ޖުމްހޫރިއްޔާވަނީ ކުއްލި ކެބިނެޓް ބައްދަލުވުމެއް ބާއްވައި، މާލޭގައި ހުރި ކެމިކަލްގެ ބާވަތްތައް ރައްކާކުރާ ގުދަންތައް މީހުން ދިރިނޫޅޭ ތަންތަނަށް ބަދަލު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެެ. މިހާދިސާއާއިއެކު ސަރުކާރުންވަނީ ރާއްޖެއަށް ކެމިކަލް އެތެރެކުރުމާއި، ގުދަންކޮށް ވިއްކުމުގެ ގަވާއިދެއް ފުރަތަމަ ފަހަރަށް އެކުލަވާލައި ގެޒެޓްކޮށްފައެވެ.

އެމަނިކުފާނުގެ މިއެންމެގެވުމާއިއެކު މިފަދަ ތަންތަން ކުރިއަށް އޮތް 3 މަސްދުވަހުގެ ތެރޭގައި ތިލަފުއްޓަށް ބަދަލުކުރުމަށް، ކަމާއިބެހޭ ފަރާތްތަކުން ވަނީ ނިންމާފައެވެ. އަލިފާނުގެ ހާދިސާގައި އެތައްބައެއްގެ ދިރިއުޅުން އަނދައިއަޅިއަށްވެފައިވާއިރު މިހާދިސާގެ އަސަރު އެންމެބޮޑަށްކުރި އާއިލާތަށް ދިރިއުޅެމުންދަނީ ވަގުތީ ބޯހިޔާވަހިކަމުގައެވެ.