ޚަބަރު

ވަގުތީ ހިޔާތަކުން ބައެއް އާއިލާތައް އަނބުރާ ގެއަށް


އަލިފާނުގެ ޙާދިސާއާއި ގުޅިގެން ވަގުތީ ހިޔާއަށް ބަދަލުކުރި މީހުންގެތެރެއިން 6 ގެއެއްގައި ދިރިއުޅުނު މީހުން އަނބުރާ ގެއަށް ބަދަލުވުމުގެ ހުއްދަ ދީފައިވާކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިތީގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ ހައުސިންގ މިނިސްޓްރިއާއި، އެންޑީއެމްއޭއާއި އެމްއެންޑީއެފްގެ އިންޖީނިއަރުން ހިމެނޭހެއް އަލިފާނުގެ ޙާދިސާގައި މީހުން ބަދަލުކުރި ގެތައް ބަލަމުންދާކަމަށެވެ.

މިހާތަނަށް ބެލި ބެލުމުން 6 ގެއެއްގައި މީހުން އުޅެން ރައްކާތެރިކަން ކަށަވަރުކޮށް އެމީހުންނަށް އެ ގެތެކަށް ބަދަލުވުމުގެ ހުއްދަވަނީ ދީފައެވެ. އަދި މިހާރު މި 6 ގޭގައި ދިރިއުޅުނު މީހުން ވަގުތީ ހިޔާތަކުން އެ ގެތަކަށް ބަދަލުވާން ފަށާފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ މީހުން ބަދަލުކުރަނީ ގެތަކުގެ ވެރިންވެސް ގެއަށް ގޮސް ބަލައި ރައްކާތެރިކަން ކަށަވަރުކުރުމަށްފަހުކަށެވެ.

މީހުން ބަދަލު ކުރަން ފަށާފައިވާ ގެތަކަކީ އަލިފާނުގެ އަސަރު ސީދާ ކޮށްފައި ނުވާ ގެތަކެވެ.
މީހުން އަނބުރާ ދިއުމަށް ހުއްދަ ދީފައިވާ ގެތަކަކީ ހ.އިމޯޝަން، ހ.ހޮޅުކޮށީގެ، ހ.ފެހިއާބާދުގެ، ހ.ޖީމާ، ހ.ސޯފާގެ އަދި ހ.ރަސްމާދޫގެއެވެ.

އަލިފާނުގެ ޙާދިސާއާއި ގުޅިގެން އެކި ގޮތްގޮތުން 700އަށްވުރެ ގިނަ މީހުން އެންޑީއެމްއޭގެ އެހިތެރިކަން ހޯދާފައިވެއެވެ. އަދި ވަގުތީ ބޯހިޔާވަހިކަން 260އަށްވުރެ ގިނަ މީހުން ހޯދާފައިވެއެވެ.

ހިސާން ވިދާޅުވީ ރައްކާތެރިކަން ކަށަވަރު ކުރި 6 ގެއަށް ރެއިން ފެށިގެން މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން އަދިވެސް މީހުން ބަދަލުވަމުންދާކަމަށް ހިސާން ވިދާޅުވިއެވެ.

އެންޑީއެމްއޭގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ޙާލުގައި ޖެހުނު މީހުންގެ ތެރެއިން 10 ގެއެއްގައި ދިރިއުޅެމުންދިޔަ މީހުންނެވެ. މި 10 ގޭގައި 34 އާއިލާ ދިރިއުޅެމުން އައިސްފައިވެއެވެ. އެއީ 199މީހުން ކަމަށް އެންޑީއެމްއޭއިންވަނީ ބުނެފައެވެ.

އެމްޑީއެމްއޭގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި މި ޙާދިސާގައި މުޅިން އެނދި 7 ގޭގައި ދިރިއުޅެމުން އައި މީހުންވެސް ހިމެނެއެވެ. މި މީހުންގެ ބޯހިޔާވަހިކަމާއި، ކެއިން ބުރިމުގެ ކަންކަމާއި، އަދި އެހެނިހެން ޒަރޫރީ ކަންކަން ބަލަހައްޓަމުން އަންނަނީ ޑިޒާސްޓަރ މެނޭޖްމަންޓްގެ ބެލުމުގެ ދަށުންނެވެ.

އެންޑިއެމްއޭއިން ބުނެފައިވަނީ ހާދިސާއާއި ގުޅިގެން އެ ފަރާތްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދޭ އެހީ ގެއްލުމުގެ އަގުގެ ވިހި އިންސައްތައަށްވުރެ ބޮޑުވާނެކަމަށެވެ.
މިމަހުގެ 20ވަނަ ދުވަހު މާލޭގައި ހިންގި ނުރައްކާތެރި އަލިފާނުގެ ޙަދިސާއަކީ ކެމިކަލް ރައްކާކުރާ ގުދަނެއްގައި ރޯވެގެން ހިންގި ޙާދިސާއެކެވެ.

ޙާދިސާއާއި ގުޅިގެން ލިބުނު ގެއްލުންތައް ދެނެގަތުމަށް ކަމާއިި ގުޅޭ ފަރާތްތަކުން ދަނީ ތަފްސީލީ އެސެސްމަންޓެއް ހެދުމުގެ މަސައްކަތް ކުރަމުންނެވެ.