ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ހަވީރު ޔުނައިޓެޑް ވިކްޓްރީ ކޮޅަށް ނާއިޒް ހަސަން (ދާދު) ޖެހި ދެ ލަނޑާއެކު 7 ޕޮއިންޓްގެ ލީޑަކާއި އެކު ތާވަލްގެ އެއްވަނައަށް މާޒިޔާ ޖެހިލައިފިއެވެ.
ޕްރިމިއަރ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި މާޒިޔާ މިއަދު ހަވީރު ކުޅުނު މެޗު ޔުނައިޓެޑް ވިކްޓްރީ އާއި ވާދަކޮށް ކާމިޔާބުކުރީ 0-2 އިންނެވެ. މި މެޗުން މޮޅުވެ ތާވަލްގެ އެއްވަނައިގައި މާޒިޔާ އޮތީ 23 ޕޮއިންޓާއެކުއެވެ. ދެވަނައިގައި 16 ޕޮއިންޓާއެކު ކްލަބް ގްރީން ސްޓްރީޓްސް އޮތް އިރު ހަމަ އެދަދަށް ޕޮއިންޓް ލިބިގެން ތާވަލްގެ ތިންވަނައިގައި އޮތީ ޓީސީއެވެ. ގްރީންއަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ.
މާޒިޔާއާއި ޔޫވީ ބައްދަލުކުރި މެޗު ފަށައިގެން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ މާޒިޔާއިންނެވެ. އެގޮތުން އެޓީމުންވަނީ މެޗުގެ ވަރަށް ކުރީކޮޅު ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެޗުގެ ހަވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު)އެވެ. އޭނާ މި ލަނޑު ކާމިޔާކޮށްދިނީ ދަނޑުގެ އަރިމަތީގައި ހުރެ ކީޕަރުގެ ބޯމަތިން ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ. އަދި އޭގެ ދެ މިނެޓު ފަހުން ދާދު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ބޮޑުކޮށްފައެވެ. މި ލަނޑަށްފަހުވެސް މާޒިޔާއިން ވަނީ ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރި ނަމަވެސް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލެވިފައެއްނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑް ވިކްޓްރީ ފެނުނީ ފުރަތަމަ ހާފާއި ވަރަށް ތަފާތުކޮށެއެވެ. އެގޮތުން ދެވަނަ ހާފުގައި މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ޔުވީއިންނެވެ. އެގޮތުން ދެވަނަ ހާފުގައި ޔޫވީއަށް ލަނޑު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 49 މިނެޓުގައި އެޓީމުގެ ބިދޭސީ ކުޅުންތެރިޔާ ސިލިޗްއަށެވެ. މާޒިޔާ ދެ ކުޅުންތެރިން ކައިރިން ނައްޓާލައި އޭރިޔާ ތެރެއަށްވަދެ އޭނާ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ށ.ފޯކައިދުއާއި ފ.ނިލަންދޫއެވެ. މި މެޗަށްފަހު ވަރލްޑް ކަޕް އަދި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ދިވެހިރާއްޖެއާއި ސީރިޔާ ބައްދަލުކުރާ މެޗަށް ޤައުމީ ޓީމަށް ވަގުތު ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން އަންނަ މަހުގެ ސާދައިގެ ނިޔަލަށް ލީގުގެ ކުޅުން މެދުކަނޑާލާނެއެވެ.