ޚަބަރު

ށ.ނަރުދޫ އާ އިންޖީނުގެ އެޅުމަށް ބަޔަކާއި ހަވާލުކޮށްފި


ށ.ނަރުދޫ އާ އިންޖީނުގެ އެޅުމަށް 5.1 މިލިއަން ރުފިޔާއަށް ބަޔަކާއި ހަވާލުކޮށްފިއެވެ. ފެނަކައިން މި މަސައްކަތް ހަވާލުކޮށްފައިވަނީ ސީސައިޑް ޕްރައިވެޓް ލިމިޓެޑާއެވެ.

ފެނަކައިން ވިދާޅުވީ ށ. ނަރަދޫގައި އާ އިންޖީނުގެއެއް އެޅުމަށް ނިންމީ މިހާރު ހިގަމުންދާ އިންޖީނުގެ މީހުން ދިރިއުޅޭ ހިސާބުގައި ހުރުމުން މީހުން ނޫޅޭ ސަރަހައްދަކަށް އިންޖީނުގެ ބަދަލުކުރުމަށްކަމަށެވެ.

މި މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 3ވަނަ ދުވަހުއެވެ. އާ އިންޖީނުގޭގެ މަސައްކަތް 3 މަސްދުވަހުގެ ތެރޭގައި ނިންމާ ފެނަކައާއި ހަވާލުކުރަންޖެހެއެވެ.

ށ.ނަރުދޫއަކީ 600 އަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ.

ފެނަކައިން އަންނަނީ މީހުން ދިރިއުޅޭ ސަރަޙައްދުގައި ހުރި އިންޖީނުގެތައް، މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ކުންފުނިން މިހާތަނަށްވަނީ 17 ރަށެއްގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ފެނަކައިން މަސައްކަތް ކުރަމުންދަނީ މިއަހަރު ނިމުމުގެ ކުރިން 30 ރަށެއްގެ އިންޖީނުގެ މީހުން ނޫޅޭ ސަރަޙައްދުތަކަށް ބަދަލުކޮށް ނިންމުމަށެވެ.