ޚަބަރު

ގައިނަގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭން މުރާޖަޢާކުރަނީ!


2016ވަނަ އަހަރުން ފެށިގެން ޢަމަލުކުރަމުންދާ ގައިނަގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭންގެ މަސައްކަތް ހަލުވިކޮށް ހަރުދަނާ ކުރުމަށް މި ޕްލޭން މުރާޖަޢާ ކުރަމުންދާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ހާމަކުރައްވައިފި. އެޗްޕީއޭއިން މިކަން ހާމަކުރައްވާފައި މިވަނީ ދުނިޔޭގެ ހިތުގެދުވަހުގެ މުނާސަބަތުގައި އެ އޮތޯރިޓީން ނެރުނު ބަޔާނެއްގައި. ދުނިޔޭގެ ހިތުގެދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ އެކިކަންކޮޅުތަކުގައި މިދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުން.

ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށާ، މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައްޔާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ރާއްޖެއިންވެސް ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ގައިންގަޔަން ނާރާ ބަލިތަކުގެ ތެރޭގައި ނިޞްބަތުން އެންމެގިނައީ ހިތުގެ ބަލިތަކެވެ. ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 29ވަނަ ދުވަހަކީ ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ.

މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ޢާއްމު ހޭލުންތެރިކަން އިތުރުކުރުމާއެކު ހިތުގެ ބަލިތަކުގެ ޝިކާރައަކަށްވާ މީހުން މަދުކުރުމަށް މަސައްކަތް ކުރުމެވެ. މިއަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހަށް "ވޯލްޑް ހާޓް ފެޑެރޭޝަން"އިން ކަނޑައަޅާފައިވާ ޝިއާރަކީ "މަގޭ ހިތް، ތިބާގެ ހިތް"އެވެ. މިޝިއާރު އަމާޒު ކުރެވިފައިވަނީ ދުޅަހެޔޮ ހިތެއްގެ ވެރިއަކަށް ވުމަށް ވަޢުދެއްވުމެވެ.

ދުނިޔޭގެ ހިތުގެ ދުވަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން ނެރުނު ބަޔާނުގައި، އެއޭޖެންސީއިންވަނީ، ގައިންގަޔަން ނާރާ ބަލިތަކުން މީހުން ރައްކާތެރިކޮށް، ރާއްޖޭގައި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ހާމަކުރައްވާފައެވެ. މި މަޤްޞަދުގައި "25 އަށް 25" ގެ ނަމުގައި މި އެޖެންސީއިން އިސްނަގައިގެން 2018 އިން ފެށިގެން ޤައުމީ ކެމްޕެއިނެއް ހިންގަމުންދާއިރު، 2016 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގައިނަގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭންގެ މަސައްކަތް ހަލުވިކޮށް ހަރުދަނާ ކުރުމަށް މި ޕްލޭން މުރާޖަޢާ ކުރަމުންދާކަންވެސް އެ އޭޖެންސީއިން ހާމަކުރެއްވިއެވެ. މީގެ އުތުރުން ހެލިފެލިވެއުޅުމާ ކަސްރަތަށް މަގުފަހި ކުރުމަށް، ރާއްޖޭގެ ހުރިހާ ހިސާބެއްގައި "އައުޓްޑޯރ ޖިމް" ޤާއިމުކުރަމުން ދެއެވެ.

އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވާން ބޭނުންވާ މީހުންނަށް ސެޒޭޝަންގެ ޚިދުމަތް ދިނުމާއި ސިނގިރޭޓާ ބިޑި ސުއްޓާ ވަކިވަކިން ވިއްކުން މަނާކޮށް، ފޮޓޯ ޖެހި އިންޒާރު ވަނީ ތަޢާރަފުކޮށްފައެވެ. މިކަންކަމަކީ ދިވެހިންނަކީ ދުޅަހެޔޮ ހިތުގެ ވެރިންގެ ގޮތުގައި ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްކަން އެޗްޕީއޭއިން ފާހަގަކުރެއްވިއެވެ. ދުނިޔޭގެ ހިތުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިދުވަސް ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މި އަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ތެރެއިން ޙާޞިލުކުރުމަށް އަމާޒުކުރެވޭ އެންމެ މުޙިންމު ކަމަކީ ހިތަށް ގެއްލުންވާ ކަންކަމުން ދުރުވެ، ހިތުގެ ދުޅަހެޔޮ ކަމަށް ތިމާއާއި އާއިލާއަށް ކެއިން ބުއިމާއި ކަސްރަތުގެ ތެރެއިން ކުރެވޭނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުންކަމަށް ހެލްތް މިނިސްޓްރީއިން މަޢުލޫމާތުދެއްވައެވެ.