ޚަބަރު

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފި


އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އާރމީ ސްޓާފް، ޖެނެރަލް ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

އިންޑިއާގެ ޗީފް އޮފް އާރމީ ސްޓާފް ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ދައުލަތުގެ ބައެއް ވަޒީރުންނާވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއްވައެވެ. އަދި ޅ.މާފިލާފުށީގައި ހުންނަ އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއޯޓަރޒްގެ ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

އިންޑިއާގެ ޗީފް އޮފް ދަ އަރމީ ސްޓާފް ރާއްޖެއަށް ވަޑައިގެންނެވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެރިކަމާ ޙަލުވެވަޑައިގެން ރާއްޖެއާ އެ ޤައުމާދެމެދު ހީނަރުވެފައިވާ ގުޅުން ހަރުދަނާކޮށް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ޑިފެންސް މިނިސްޓަރ މާރިޔާއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޝަމާލުވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްކުރައްވާފައެވެ. މި ދަތުރުރުފުޅުގައި ދެ ޤައުމުގެ އަސްކަރިއްޔާގެ ދެމެދުގައި އޮތްގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.

އިންޑިއާގެ 27ވަނަ ޗީފް އޮފް އަރމީ ސްޓާފްކަމުގެ މަޤާމަށް ބިޕިން ރާވަތު އައްޔަންކުރައްވާފައިވަނީ 2016ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 26ވަނަ ދުވަހުއެވެ.