ވިޔަފާރި

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް 4000 އެނދު ތަރައްޤީކުރަނީ


އައްޑޫ ސިޓީގައި ލޯކަލް ޓޫރިޒަމް ފުޅާކުރުމަށްޓަކައި 4000 އެނދުގެ ޖާގަ ހިމެނޭހެން ގެސްޓްހައުސްއާއި ހޮޓެލް ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލާއެކު ޓުއަރިޒަމް މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދެވެ. އަދި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރ އަބްދުﷲ ޞޯދިޤްއެވެ.

ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އައްޑޫ ސިޓީގައި ޖުމްލަ 8000 އެނދުގެ ޖާގަ އުފެއްދުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ.

މި މަސައްކަތުގެ ދަށުން މިއަހަރުގެ ތެރޭ 4000 އެނދުގެ މަސައްކަތް ފެށުމަށް ސަރުކާރުން ނިންމާފައިވާއިރު މިއަހަރުގެ ތެރޭ މި މަޝްރޫޢު ފަށާނެކަމަށް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

"މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓު ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދިނުމަށް ރަޢީސުލްޖުމްޖޫރިއްޔާ އެންމެ ފަހުން ބޭއްވި ޓުރިޒަމް ބައްދަލުވުން ނިންމާ އައްޑޫ ވަނީ އޭގެ ތެރެއިން އިޢުލާނުކުރައްވާފަ. އަދި އަޅުގަނޑުމެން ދެފަރާތުން ކުރި މަސައްކަތުން މިއަދު މިވަނީ މީގެ އެއްބަސްވުއްގައި ސޮއިކުރެވި މި ވަޢުދު ފުއްދޭގޮތްވެފައި. މިއީ އައްޑޫ ރައްޔިތުންގެ ވަރަށް ގިނަ އުއްމީދުތަކާއި ގުޅުންހުރިކަމެއް. އަޅުގަނޑުމެންގެ އަމާޒަކީ ރަޢީސްގެ އަމާޒާއެކު 8000 އެނދު އެޅުން. މިއަހަރު އަޅުގަނޑުމެން އެބަ ނިންމަން 4000 އެނދު އަޅަން. " އަލީ ވަހީދު ވިދާޅުވިއެވެ.

ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަކުން އައްޑޫ ސިޓީގެ މޭޔަރ އަބްދުﷲ ޞޯދިޤް ވިދާޅުވީ ގެސްޓްހައުސްތަކާއި ހޮޓެލް ވިޔަފާރިކުރުމަށް އައްޑޫގެ 6 ސަރަޙައްދަކުން ބިން ދޫކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ސަރަޙައްދުތައް ކަނޑައެޅުމުގައި ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް އިޝްތިހާރުކުރެވޭނެ ގޮތަކަށް ބަލާފައިވާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސޯދިޤް ވިދާޅުވީ މިކަމާއި ގުޅޭ ހުރިހާ މަސައްކަތެއް ނިމި އަންނަ އޮކްޓޯބަރުމަހު ބިން ދޫކުރުމަށް އިޢުލާންކުރާނެކަމަށެވެ.

" 6 ސަރަޙައްދެއް ކަނޑައެޅިފައި އެބައިން. އައްޑޫގެ އެކި ރަށްތަކުން ބިންދޫކުރާނެ. މީގެ ކޮންސެޕްޓް ތައްޔާރުކުރުމުގެ މަސައްކަތްކުރަމުންމިދަނީ. އެނގިވަޑައިގަންނަވާނެ ގެސްޓްހައުސްއަށް ބިންދޫކުރެވޭނީ 5000 އަކަފޫޓު. އަދި ހޮޓެލްތަކަށް 10،000 އަކަފޫޓު. އެކުރާ އިންވެސްޓްމެންޓެއްގެ ބޮޑުމިނަށް ބަލާފައި ބިން ދޫކުރުން މި އޮންނަނީ. މި ކޮންސެޕްޓް ނިމުނީމަ ކަނޑައެޅިގެން އެނގޭނެ ކިތަށް ސަރަޙައްދުންކަމަށް. ނަމަވެސް ބައި ހެކްޓަރުން ފެށިގެން ތިން ހެކްޓަރާއި ހަމައަށް ބިން ކަނޑައެޅޭނެ." އަބްދުﷲ ޞޯދިޤް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރާއި ދެކުނު ހިމެނޭހެން މުޅި ރާއްޖެއަށް ފަތުރުވެރިކަން ފުޅާކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުން ވެފައިވާ މި ވަޢުދުގެ ދަށުން ގދ. ވާދޫ، އއ. މަތިވެރި، ހދ ނޮޅިވަރަމުގައި ރަށު ފަތުރުވެރިކަން ހަރުދަނާކުރުމުގެ މަސައްކަތް ވެސް ކުރިޔަށްދާކަމަށް ޓޫއަރިޒަމް މިނީސްޓްރީން ބުނެއެވެ.