ޚަބަރު

މާލޭގެ ވަންވޭތަކަށް ބައެއް ބަދަލުތައް ގެނެސްފި


ތޮއްޖެހިފައިވާ މާލޭގެ މަގުތަކުގެ ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދެއެވެ. އަނެއްކާވެސް މިވަނީ މާލޭގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއްގެނެސްފައެވެ. މާލޭ ސިޓީގައި އެއްކޮޅަށް ދުއްވޭގޮތަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެނެސް ތަންފީޒު ކުރަން މިވަނީ ފަށާފައެވެ.

ކުރީގެ ސަރުކާރުގެ ވެރިކަމުގެ ދުވަސްވަރު މާލޭގައި އެއްކޮޅަށް ދުއްވޭގޮތަށް ހަމަޖެއްސި ގިނަ މަގުތަކުގެ ޓްރެފިކަށް ބަދަލުގެންނަން ނިންމީ މިމަހުގެ ތިންވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައެވެ. މިގޮތުން ހަތް މަގެއްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް މިހާރު މިވަނީ ތަންފީޒް ކުރަންފަށާފައެވެ.

ސިޓީ ކައުންސިލުން މާލޭގައި އެއްކޮޅަށް ދުއްވޭ މަގުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު އަލިކިލޭގެފާނު މަގުގައި ކުރިން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ދިޔުން މިހާރު ވަނީ ދެކުނުން އުތުރަށް ދުއްވޭގޮތައް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ފާށަނާކިލެގެ މަގު އުތުރުން ދެކުނަށް ދުއްވޭގޮތަށް މިހާރު ހަދާފައިވާއިރު ކުރިން އެމަގުން ދުއްވެނީ ދެކުނުން އުތުރަށެވެ.

ހުސްނުހީނާ މަގު އުތުރުން ދެކުނަށް ދުއްވޭ ގޮތަށްވެސް ވަނީ މިހާރު ހަމަޖައްސާފައެވެ. އަދި ދަރުމަވަންތަ މަގު ހުޅަނގުން އިރަށް ދުއްވޭގޮތަށް ހަދާފައިވާއިރު ހިތަށް ފިނިވާ މަގުން، ހުސްނުހީނާ މަގާއި، ނޫރާނީ ގޯޅިއާ ދެމެދު އޮންނަ ސަރަޙައްދު ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

އަދި ޝަހީދު ކުޑަ އާދަމް ކުޑަތުއްތު ހިނގުމުން، ލިލީމަގާއި ދަރުމަވަންތަ މަގާއި ދޭމެދު އޮތް ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތައް ހަދާފައިވާއިރު ހިލާލީ މަގުގެ، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭ އޮތް ސަރަޙައްދު ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.

ސިޓީ ކައުންސިލުން މާލޭގެ މަގުތަކަށް ގެނައި ބަދަލާއެކު މިހާރު ވަނީ މި މަގުތަކުގައި ޓްރެފިކް ބޯޑުތައްވެސް ހަރުކޮށްފައެވެ. އަލަށް ގެނައި ބަދަލުތައް ކިޔައިދިނުމަށް އެ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވަމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކުރިގެ ސަރުކާރުން މިމަގުތަކަށް ގެނައި ބަދަލުތައް އުވާލައި އަލަށް ގެނައި ބަދަލުތަކުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ސިޓީކައުންސިލުން ވިދާޅުވެއެވެ. މާލޭގެ މަގުތަކުގެ ވަންވޭއަށް ގެނައި ބަދަލުތައް ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިވާއިރު ސިޓީ ކައުންސިލުންދަނީ ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށްވެސް ލުއި ފަސޭހަ ވާނެގޮތްތަކެއް ހޯދައިދެމުންނެވެ.