ކިރީތި ޤުރްއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ މުހިއްޔުއްދީން ސްކޫލުގެ ޒޫޝާން ޖަވާދު، އަދި ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ އަންވާރުލް ޤުރްއާން ކުލާހުގެ އާހިލް މުހައްމަދު ޒާހިރު ހޯދައިފިއެވެ.ކިރީތި ޤުރްއާން ކިޔެވުމުގެ 30 ވަނަ ޤައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި، މުބާރާތުން ޝަރަފުވެރި ވަނަތައް ހާސިލުކޮށްފައިވާ ފަރާތްތަކަށް އިނާމްތައް ހަވާލުކޮށްދެއްވީ، ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.މުޅި މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން އެއްވަނަ މުއައްސަސާގެ މަޤާމް ދާރުލް ޤުރްއާން ތިނެއް ހޯދާފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފިން އެއްވަނަ މުއައްސަސާއަކަށް ހޮވިފައިވަނީ ރ. އަތޮޅެވެ.ކީރިތި ޤުރްއާން ކިޔެވުމުގެ ތިރީސް ވަނަ ޤައުމީ މުބާރާތުގެ ޝަރަފުވެރި ވަނަތައް ހާސިލުކޮށްފައިވާ ފަރާތްތަކަށް ތައްޓާއި، އިނާމްތައް ހަވާލުކޮށްދެއްވާފައިވަނީ މި ޖަލްސާގެ ޝަރަފުވެރި މެހެމާން ސްޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲއެވެ.މި ޖަލްސާގައި ސްޕެޝަލް އެޑިއުކޭޝަން، ނުވަތަ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ތެރެއިން ގަދަ ފަހެއްގައި ހިމެނުނު ދަރިވަރުންނަށްވެސް ވަނީ ހަނދާނީ ލިޔުމާއި، އިނާމްތައް ހަވާލުކޮށްފައެވެ. އެގޮތުން މި ކެޓެގަރީން އެއްވަނަ ޙާސިލުކޮށްފައިވަނީ އިމާދުއްދީން ސްކޫލުގެ ދަރިވަރު ވަސްމީ ވަޙީދުއެވެ.ދަރިވަރުންގެ ހިތްތަކުގައި ކީރިތި ޤުރްއާން ކިޔެވުމަށް ހިތްޖައްސުވާ، ޤްރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ދިރުވުމުގެ މަޤުސަދުގައި ކޮންމެ އަހަރަކުވެސް ބާއްވާ މި މުބާރާތުގައި މިއަހަރު، ބަލައިގެންނާއި، ނުބަލާ ކިޔެވުމުގެ ގޮފިން ޖުމްލަ ހަތް ސަތޭކަ ނުވަދިހަ އަށް ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި މާލޭގެ ހަތަރު ސަތޭކަ ހަތްދިހަ ހަތް ބައިވެރިންނާއި، އަތޮޅުތަކުން ދުއިއްސަތަ ނުވަދިހަ ބައިވެރިންނާއި، ޚާއްސަ އެހީގައި ބައިވެރިވާ ވިހި ދަރިވަރުންގެ އިތުރުން، މިއަހަރު އަލަށް ތަޢާރަފުކުރި ވިދިވިދިގެން ދިހަ ފޮތް ހިތުދަސް ކުރުމުގެ ބައިގައި ބައިވެރިވި އެގާރަ ބައިވެރިން ހިމެނެއެވެ.މިފަހަރުގެ މުބާރާތުގެ ފަނޑިޔާރުންގެ ޕެނަލްގައި މެލޭޝިޔާގެ ދެ ފަނޑިޔާރުންނާއި ޔަމަންގެ ފަނޑިޔާރަކު ހިމެނިވަޑައިގަންނެވިއެވެ.