ޚަބަރު

ވ. ތިނަދޫގައި އައުޓް-ޑޯ ޖިމެއް ހުޅުވައިފި


ވ. ތިނަދޫގައި އައުޓް-ޑޯ ޖިމެއް ހުޅުވައިފިއެވެ.

މިއަދު ހަވީރު އޮތް ކުޑަ ހަފްލާއެއްގައި މި ޖިމް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާއި އެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އައުޓްޑޯރ ޖިމް ޤާއިމްކުރުމުގެ މައިގަނޑު މަޤްޞަދަކީ ރައްޔިތުންނަށް ދުޅަހެޔޮ ހަށިހެޔޮ ސިއްހަތެއްގައި ދެމިތިބުމަށް ފަސޭހަކަމާއެކު ހެލިފެލިވެ ކަސްރަތުކުރުން އުޅޭވޭނެ މާހައުލެއްގައި އެފަދަ ވަޞީލަތްތައް ޤާއިމުކޮށްދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ކުދި ބޮޑު އެންމެނަށް ހެލިފެލިވެ ކަސްރަތު ކުރުމަށް ބާރުއެޅުމާއި، ޞިއްޙަތަށް ފައިދާހުރި އާދަތަކަށް ހިތްވަރު ދިނުންކަމަށް ސަރުކާރުން ވިދާޅުވެއެވެ.

އެގޮތުން ރާއްޖޭގެ 61 ރަށެއްގައި މިފަދަ އައުޓް-ޑޯ ޖިމްތައް އެޅުމަށް ސަރުކާރުން ނިންމާފައިވާއިރު، އެކަމަށް ބޭނުންވާ މާލީ އެހީތެރިކަން އިންޑިއާ ސަރުކާރުން ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ.