ސިއްހަތު

އެސްޓިއޯއިން ގެނައި އެމްބިއުލާންސްތައް ރާއްޖޭގެ 4 ސަަރަހައްދަކަށް


ސަރުކާރުގެ "ސިއްހީ ޚިދުމަތް ރައްކާތެރިކަމާއެކު އެއްގަމު މަގުން ޔަޤީންކޮށްދިނުން" މި ސިޔާސަތުގެ ދަށުން އެސް.ޓީ.އޯ މެދުވެރިކޮށް ރާއްޖެގެނައި ޕެރެމެޑިކަލް އެމްބިއުލަންސްތައް ރާއްޖޭގެ ހަތަރު ސަރަހައްދަކަށް ހަވާލުކޮށްފިއެވެ.އެކަމަށްޓަކައި އިއްޔެ އެސް.ޓީ.އޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެމްބިއުލަންސްތައް އެ ފަރާތްތަކާއި ހަވާލުކޮށްދެއްވީ ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމްއެވެ.ޕެރެމެޑިކަލް އެމްބިއުލަންސްތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރ އިރުތިޝާމް އާދަމް ވިދާޅުވީ،މި ގެނެވުނު ޕެރެމެޑިކަލް އެމްބިއުލަންސްތަކަކީ ކުއްލި ހާލަތްތަކުގައިވެސް، ބަލިމީހާ ހޮސްޕިޓަލާ ހަމައަށް ގެންދިޔުމާއި ދެމެދު ހޭދަވާ ވަގުތުގައި އަވަސް ފަރުވާ ދެވޭނެފަދަ އިންތިޒާމް ހަމަޖެހިފައިވާ އެމްބިއުލަންސްތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް އެސް.ޓީ.އޯ މެދުވެރިކޮށް އެމްބިއުލަންސް ހަމަޖައްސަވައިދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މީގެ އިތުރުން ސަރުކާރުން ފަށާފައިވާ ސީ އެމްބިއުލަންސްގެ ޙިދުމަތްވެސް ހަރުދަނާކުރެއްވުމަށް މަސައްކަތްތަކެއް ކުރައްވަމުންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެސް.ޓީ.އޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރު ވިދާޅުވީ، އެ ކުންފުންޏަކީ މައިގަނޑު އެއް މަޤުސަދަކީ ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ހެޔޮއަގުގައި ރާއްޖެގެނެސް، ފެންވަރު ރަނގަޅު ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. އެގޮތުން ފާއިތުވި އަހަރެއްހާ ދުވަސްތެރޭ ރާއްޖޭގެ ސިއްޚީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން ފަސްދޮޅަސް ނުވަ މިލިއަން ރުފިޔާގެ މެޑިކަލް އިކިއުޕްމަންޓްސް ރާއްޖެގެނެސް، އެކި ސަރަހައްދުތަކަށް ސަޕްލައިކޮށްދީފައިވާކަމަށް ޝަހީރު ވިދާޅުވިއެވެ.އެސް.ޓީ.އޯ މެދުވެރިކޮށް ގެނެސްފައިވާ ހަތަރު ޕެރެމެޑިކަލް ހަވާލުކޮށްފައިވަނީ، އައި.ޖީ.އެމް ހޮސްޕިޓަލަށާއި، އައްޑޫ ސިޓީ ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން ފުވައްމުލަކު ހޮސްޕިޓަލަށާއި، ލ. ގަމު ރީޖަނަލް ހޮސްޕިޓަލަށެވެ.މި އެމްބިއުލަންސްތަކުގެ އަގު ހަތަރެއް ޕޮއިންޓް ހަތަރެއް މިލިއަން ރުފިޔާ އަރާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ.އެސް.ޓީ.އޯއިން މިހާރުވެސް ދަނީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އާސަންދަ މެދުވެރިކޮށް ބޭސް ފޯރުވައިދޭ ފާރމަސީތައް ޤާއިމުކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން މިހާތަނަށް ސަތޭކަ ތޭރަ ރަށެއްގައި އަލަށް ފާރމަސީ ހުޅުވައި، ސަތޭކަ ބާވިސް ރަށެއްގައި އެސް.ޓީ.އޯއިން ދަނީ ފާރމަސީގެ ޙިދުމަތްދެމުންނެވެ.އެކުންފުނީގެ އަމާޒަކީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް މި މަޝްރޫޢު އެއްކޮށް ނިންމާލުމެވެ.