ވިޔަފާރި

ރާއްޖެއިން އެކްސްޕޯޓްކުރަަމުންދާ 2 ބާވަތެއްގެ ހުއިފިލަނޑާ ސައިޓީސްގައި ހިމަނައިފި


ރާއްޖެއިން ފުޅާ ދާއިރާއެއްގައި އެކްސްޕޯޓުކުރަމުންދާ ހުއިފިލަނޑާގެ 2 ބާވަތެއް ހިމެނޭހެން ޖުމްލަ 3 ބާވަތެއް ސައިޓީސްގައި ހިމަނައިފިއެވެ.

ސައިޓީސްއަކީ ދިރުންހުރި ބާވަތްތަކާއި އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރާއިރު އެބާވަތްތަކުގެ އާބާދީތަކުގެ ދެމިއޮތުމަށް ނޭދެވޭ އަސަރު ނުފޯރާގޮތަށް، ވަކި މިންގަނޑުތަކަކާއި ހަމަތަކެއްގެ މަތިން ކަންކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެކެވެ.

މި މުޢާހަދާގައި ދުނިޔޭގެ ގިނަ ޤައުމުތައް ހިމެނޭއިރު ރާއްޖެއަކީ ވެސް މި މުޢާހަދާގެ ކަންތައްތައް ނިންމުމުގައި ބޮޑު ދައުރެއް އަދާކުރާ ޤައުމެކެވެ.

އޮގަސްޓުމަހުގެ 17-28 އަށް ސްވިޓްޒަލޭންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ސައިޓީސްގެ މުއާހަދާއެއްގައި ރާއްޖެއިން އާންމުގޮތެއްގައި އެކްސްޕޯޓުކުރާ 2 ބާވަތެއްގެ ހުއިފިލަނޑާ ހިމެނޭހެން ހުއިފިލަނޑާގެ 3 ބާވަތެއް ސައިޓީސްގައި ހިމަނާފައިވެއެވެ. މިނިންމުން ނިންމާފައިވަނީ ހުއިފިލަނޑާގެ 3 ބާވަތެއް ލިސްޓުކުރުމަށް ނެގުނު ވޯޓުގައި ބައިވެރިވި 138 މެންބަރު ޤައުމުގެ ތެރެއިން 108 ވޯޓުގެ އަޤުލަބިއްޔަތު ލިބިގެންނެވެ.

މި ބައްދަލުވުމުގައި ސައިޓީސްގައި ހިމަނާފައިވަނީ ރާއްޖެއިން އާންމުކޮށް ބޭރުކުރާ ދެ ބާވަތްކަމަށްވާ "ބްލެކް ޓީޓްފިޝް- ފަޅު ބަޓު" އަދި "ވައިޓް ޓީޓްފިޝް- ކަނޑު ބަޓު" އެވެ.

ސައިޓީސްއަށް މި ދެ ބާވަތް އިތުރުކުރުމާއެކު މި ބާވަތްތައް ޤައުމުތަކުން އެކްސްޕޯޓްކުރެވޭނީ ވަކި މިންގަނޑުތަކެއްގެ ތެރެއިންނެވެ. އަދި މި މިންގަނޑުތަކާއި ޚިލާފްވެއްޖެނަމަ މި ބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމަކީ މަނާކަމެކެވެ. އެހެންކަމުން، މި މުޢާހަދާގެ ބައިވެރިވާ ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއަށް ވެސް ވަކި ކަންތައްތަކެއް ކުރުމަށް ލާޒިމްކުރެއެވެ.

މި މުޢާހަދާގެ ދަށުން ރާއްޖެއަށް ކުރުން ލާޒިމްކުރާ ކަންތައްތަކުގެ ތެރޭގައި،

1. ހުއިފިލަނޑާގެ މަސްވެރިކަން ކުރުމަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި މަސްވެރިކަން ކުރުމަސް ލައިސެންސް ދޫކުރުން.

2. ހުއިފިލަނޑާ އެކްސްޕޯޓުކުރުމަށްޓަކައި އެންވަޔަރަމެންޓް މިނިސްޓްރީން ދޫކުރާ ޚާއްސަ އެކްސްޕޯރޓް ހުއްދައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުން

3. އެކްސްޕޯރޓް ކުރުމަށް ހުއްދަ ދެވެނީ ސައިޓީސްގެ މިންގަނޑުތަކާއި އެއްގޮތަށްކަމަށް ކަށަވަރުކޮށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް އިން ދޫކުރާ ލިޔުމެއް ހުށަހެޅުން

4. ދިރުންހުރި ހާލަތުގައި މިބާވަތުގެ ހުއިފިލަނޑާ ދިވެހިރާއްޖެއިން ބޭރުކުރާނަމަ، އެކްސްޕޯޓުކުރުމުގައި އަނިޔާ ނުވާގޮތްތައް ކަށަވަރުކުރުން ހިމެނެއެވެ.

ސައިޓީސްގައި ހުއިފިލަނޑާގެ ބާވަތްތައް ހިމަނަން ނިންމުމާއި ގުޅިގެން މި ނިންމުން ތަންފީޒުކުރަން ފެށުމަށް ސައިޓީސް މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް 1 އަހަރުދުވަހުގެ މުއްދަތެއް ދޭން ވަނީ ނިންމާފައެވެ.

މި ނިންމުމާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، ހުއިފިލަނޑާ އެކްސްޕޯޓް ކުރުމުގެ އޮޕަރޭޝަންތަކުގެ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން މަސައްކަތްކުރަމުންދާނެކަމަށް ފިޝަރީސް މިނިސްޓްރީން ބުނެއެވެ. އަދި މަސްވެރިކަން ރާވާ ހިންގުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި ހުއިފިލަނޑާ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތަކަށް މިނިސްޓްރީން ތައްޔާރުވަމުންދާކަމަށް ވެސް އެފަރާތުން ބުނެއެވެ.