ވިޔަފާރި

ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް


ދައުލަތުގެ މުއައްސަސާތައް އޮޑިޓްކުރުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ދައުލަތުގެ މުއައްސަސާތައް ހަރުދަނާކޮށް ކުންފުނިތަކުން ކުރާ މުދަލާއި ފައިސާގެ ތަފާސްހިސާބު ބަލަހައްޓައި ޒިންމާދާރުކުރުމަށްޓަކައި ސަރުކާރުން "ދައުލަތުގެ އިންޓާނަލް އޮޑިޓް ކޮމިޓީ"ގެ ނަމުގައި މުއައްސަސާއެއް އުފައްދާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި މި ކޮމިޓީގެ އެންމެ ފަހުގެ މަސައްކަތްތަކާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަދި ދައުލަތުގެ އިންޓާނަލް ކޮމިޓީގެ މުޤަރިރު އަޙުމަދު ޝަރީފް ވިދާޅުވީ ދައުލަތުގެ މާލީ ކަންތައްތައް ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއަށް ފެއްތުމަށް ކޮމިޓީން ކުރައްވަމުންދާ މަސައްކަތްތައް ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާކަމަށެވެ.

ޝަރީފް ވިދާޅުވީ ކޮމިޓީ އުފެދިގެން އައި ފަހުން ދައުލަތުގެ މުއައްސަސާތައް އޮޑިޓްކޮށް ކުރިން އެ މުއައްސަސާތަކުން ނެރެފައިވާ އޮޑިޓް ރިޕޯޓުތައް ކޮމިޓީން ދިރާސާކުރައްވާފައިވާކަމަށެވެ. އަދި މީގެ ނަތީޖާއެއްގެ ގޮތުން ކުންފުނިތަކުން އޮޑިޓްކުރުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރިކަމަށް ކޮމިޓީއަށް ފާހަގަކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އެގޮތުން ދައުލަތުގެ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގައި އެކަށީގެންވާ އަދަދަކަށް އޮޑިޓަރުން ނުތިއްބެވުމާއި އޮޑިޓަރުނަށް މަސައްކަތްކުރުމަށް އެކަށީގެންވާ މާހައުލެއް ނުހުންނަކަމަށް ޝަރީފް ވިދާޅުވިއެވެ. މި މައްސަލަ ހައްލުކުރުމަށް އަންނަ އަހަރު ކޮންމެ އިދާރާއަކަށް މަދުވެގެން އަދި ގިނަވެގެން ތިބެންޖެހޭ އޮޑިޓަރުންގެ އަދަދުތައް ފިނޭންސުން އެކުލަވާލާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަލާލިއިރުގައި ބައެއް ތަންތަނުގައި އޮޑިޓަރުން އެބަތިބި. އެކަމަކު ބައެއް ތަންތަނުގެ އޮޑިޓަރުން އޮޑިޓެއް ނޫން ކުރައްވަނީވެސް. އެބޭފުޅުން އެހެންކަންތައްތަކުގައި ވެސް މަޝްޢޫލުވެފައި އެބަހުރި. އަނެއްކާ މަސައްކަތްކުރުމަށް އެދެވޭ މާހައުލެއް ވެސް ނުހުރޭ. އަޅުގަނޑުމެން މިހާރު ސިވިލް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކޮށްފައި އޮންނާނެ އޮޑިޓަރުންނަށް މަސައްކަތްކުރެވޭނެ މާހައުލެއް ޤާއިމްކުރުމަށް. އަދި އަންނަ އަހަރަށް ބަޖެޓްކޮށްފައިވާ ކަމެއް މިއީ ކޮންމެ އިދާރާއެއްގައި މަދުވެގެން ތިބެންޖެހޭ އޮޑިޓަރުންގެ އަދަދުތައް އެކުލަވާލުން." އަޙުމަދު ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އިންޓާނަލް އޮޑިޓް ކޮމިޓީގެ މެމްބަރު އަހުމަދު ޔާމީން ވިދާޅުވީ ކޮމިޓީގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ޚާއްސަކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން މަޝްރޫޢުތަކަށް ޚަރަދުކުރާއިރު އެންމެ ބޮޑަށް ޚަރަދުކުރެވޭ ތަންތަނަށް ބަލައިގެންކަމަށެވެ. އެގޮތުން ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކާއި ކައުންސިލްތަކާއި ދައުލަތުގެ އެކި ވުޒާރާތަކުގެ މަސައްކަތްތައް ކޮމިޓީން ވަރަށް ގާތުން ބަލަމުންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ޔާމީން ވިދާޅުވީ ކޮމިޓީގެ މި މަސައްކަތްތަކާއެކު މުއައްސަސާތައް ޒިންމާދާރުކުރެވި ދައުލަތުގެ ބަޖެޓުން އިސްރާފުކުރެވޭ މިންވަރު ދަށްވެގެންދާނެކަމަށެވެ.

"މި ނިޒާމުގެ ދަށުން ދައުލަތުގެ މާލިއްޔާއިން ކުރާ ޚަރަދުތައް ކުރެވެނީ ޤާނޫނާއި ޤަވައިދުތަކުގެ ދަށުންކަމަށް ކަށަވަރުވާނެ. ރައްޔިތުންނަށް ލިބޭ ފައިދާއަކީ ރައްޔިތުންނަށް ލިބޭ ޚިދުމަތްތައް ރަނގަޅުވެގެންދާނެޔޭ. ފެންވަރު ރަނގަޅުވެފައި ޚިދުމަތްތަކުގެ ސްޕީޑް ވެސް ރަނގަޅުވާނެ. އަދި ދައުލަތުގެ މާލިއްޔާ އިސްރާފުވެސް ވުން ކުޑަވެގެންދާނެ. " އަޙުމަދު ޔާމީން ވިދާޅުވިއެވެ.

ދައުލަތުގެ އިންޓާނަލް އޮޑިޓަކީ މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު ދައުލަތުގެ މާލިއްޔަތުގެ ޤަވައިދުގެ 16 ވަނަ ބާބުގެ 3 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ކޮމިޓީއެކެވެ.

މި ކޮމިޓީގައި 6 މެމްބަރުން ހިމެނޭއިރު ދައުލަތުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓްތަކާއި ޕަބްލިކް ފަންޑުތަކާއި އަދި މުދަލާއި ފައިސާގެ ހިސާބުކިތާބު ބެލެހެއްޓޭ މިންވަރު ބެލުމަކީ މި ކޮމިޓީގެ ޒިންމާއެކެވެ.