ޚަބަރު

ބޯޓު ދަތުރު ކުރުމުގެ ދާއިރާ އޮތްގޮތާއިމެދު ހިތާމަކުރަން - ނަޙުލާ


ދިވެހިރާއްޖޭގެ ކަނޑު ދަތުރުފަތުރުގެ ދާއިރާއިން، މީގެ ތިރީސް އަހަރާއި އަޅާބަލާއިރު މިހާރު ފެންނަމުންދަނީ ހިތާމަ ކުރަންޖެހޭ މަންޒަރުތަކެއްކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާ ބެހޭ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރވަނީ ރާއްޖޭގެ ބޯޓުދަތުރުކުރުމުގެ ސިނާއަރަށް އައި ނޭދެވޭ ބަދަލުގެ މައްޗައް އަލިއަޅުއްވާލައްވާފައެވެ.

ބައިނަލްއަޤްވާމީ ކަނޑު ދަތުރުފަތުރާބެހޭ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވީ 1980ގެ ފަހުކޮޅު 80އަށްވުރެ ގިނަ ބޭރު ދަތުރުކުރާ ބޯޓު ރާއްޖޭގެ ރެޖިސްޓްރީގައި އޮތްކަމަށެވެ. އެހެންނަމަވެސް މިހާރު އެ ޢަދަދު އެއް އަތުގެ އިނގިލިތަމުންވެސް ގުނާލެވޭ ވަރަށް މަދުވެފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ނަހުލާ ވިދާޅުވީ ކުރިން ޝިޕިންގ އޮޕަރޭޓްކުރާ 18ވަރަކަށް ކުންފުނި ރާއްޖޭގައި އޮތްނަމަވެސް، މިހާރު ކުންފުންޏެއް ނެތޭވެސް ދެންނެވިދާނެކަމަށެވެ. އަދި 1990ގެ އަހަރުތަކުގައި ބޯޓުތަކަށް މީހުން ހޯދުމަށް 11 ކުންފުނި އޮތް އިރު، މިހާރު މި މަސައްކަތް ކުރަނީ 1 ނުވަތަ 2 ކުންފުނިންކަމަށެވެ.
އެ ދުވަސްވަރު ބޭރު ބޯޓުފަހަރުގައި މަސައްކަތް ކުރާ މީހުން އާމްދަނީގެ ގޮތުގައި އަހަރަކު 12 މިލިއަން ޑޮލަރުޖެ ރާއްޖެއަށް ފޮނުވާފައި އެބަހުރިކަމަށް މިނިސްޓްރ ނަހުލާ ވިދާޅުވިއެވެ.

ބޯޓުދަތުރުކޮށްގެން އާމްދަނީ ހޯދަމުން އައި މީހުންގެ އަދަދު މިހާރު ހުރީ 150ގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މި އިންޑަސްޓްރި ދަށަށް ގޮސްފައިވާ މިންވަރު ފާހަގަކުރައްވައި ނަހުލާ ވިދާޅުވީ މިއީ ހިތާމަކުރަންޖެހޭ މަންޒަރެއްކަމަށެވެ. އަތޮޅުތަކަށް އެދުވަސްވަރު އައި ތަރައްޤީ ސީމަނުންގެ މަސައްކަތާ ވަރަށް ބޮޑަށް ގުޅިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން މިސާލު ނަންގަވައި މިނިސްޓަރ ވިދާޅުވީ ހދ.ކުޅުދުއްފުށީ ތަރައްޤީއާއި ބޯޓު ދަތުރުކުރުމާއި ގުޅުން ހުރިކަމަށް ގިނަ ބަޔަކު ޤަބޫލުކުރާކަމަށެވެ.

ރާއްޖޭއަކީ ޖަޒީރާ ޤައުމަކަށްވެފައި މި ދާއިރާގެ މުހިންމުކަމުގެ މައްޗައް އަލިއްޅުއްވާލައިވައި މިނިސްޓަ ވިދާޅުވީ، ދާއިރާ އަލުން ނަގާ ކޮޅަށްޖަހަން ޖެހޭކަމަށެވެ. މިދާއިރާގައި ގިނަ ފުރުސަތުތައް ހުރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ރާއްޖޭގެ އަމިއްލަ ޝިޕިންގ ލައިނަކާއިއެކު މި ދާއިރާ އަލުން ފުޅާކުރަން ޖެހިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިއީ އަންހެނުންނަށްވެސް މަސައްކަތް ކުރެވިދާނެ ދާއިރާއެއްކަމަށާއި، ޚާއްސަކޮށް އިދާރީ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރެވޭނެކަމަށެވެ. މިދާއިރާ އިތުރަށް ކުރިއަރުގައި ފުޅާކުރަން ބޭނުންވާނަމަ، ސީމަނުންނަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކުރުމުގައި ކުންފުނިތަކާއި، ބޯޓުތަކުގެ ވެރިން އެކުހައި ގުޅިގެން މަސައްކަތް ކުރުމަށް މިނިސްޓަރ ގޮވާލެއްވިއެވެ.