ވިޔަފާރި

ކަނޑުއަޑީގެ މޫދު ކޮޓަރިތަކާއެކު ޕުލްމަން މާމުޓާ ރިސޯޓު ހުޅުވައިފި


ކަނޑުއަޑީގެ މޫދުކޮޓަރިތަކާއެކު ޕުލްމަން މާމުޓާ ރިސޯޓު ހުޅުވައިފިއެވެ.

ގއ. މާމުޓާގައި ތަރައްޤީކޮށްފައިވާ މި ރިސޯޓަކީ 122 ވިލާއާއެކު ތަރައްޤީކޮށްފައިވާ ރިސޯޓެކެވެ. މި ވިލާތަކުގެ ތެރޭގައި ހިތްގައިމު 2 މޫދުކޮޓަރި ހިމެނޭއިރު މިއީ ކޮންރެޑް މޯލްޑިވްސް ރަންގަލި ރިސޯޓަށްފަހު ކަނޑުއަޑީގައި ވިލާތައް ހުޅުވި 2 ވަނަ ރިސޯޓެވެ.

މޫދު ކޮޓަރިތަކުގެ އިތުރުން ރިސޯޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ ރިސޯޓުގައި ތަރައްޤީކޮށްފައިވާ ރޯޔަލް ސުއިޓްއެވެ. "ރިސޯޓް ތެރެއިން ރިސޯޓަކަށް" މިނަމުގައި މާމުޓާ ރިސޯޓުން ސިފަކޮށްފައިވާ މިސުއިޓްއަކީ ފަތުރުވެރިންނަށް ޕްރައިވެސީ އެންމެ ފުރިހަމައަށް ލިބިގެންދާނެ ގޮތަށް ހަދާފައިވާ ސުއިޓްއެކެވެ. މި ސުއިޓްއިން އެންމެ މަތީ ފެންވަރުގެ ޚިދުމަތްތައް ފަތުރުވެރިންނަށް ލިބިގެންދާނެކަމަށް ރިސޯޓުން ބުނެއެވެ.

ރިސޯޓުގައި ހަމަޖައްސާފައިވާ ކެއިން ބުއިމުގެ އިންތިޒާމުތަކަށް ބަލާލާއިރު އެކި ކުއިޒީންތަކަށް ޚާއްސަކޮށްގެން ޖުމްލަ 6 ރެސްޓޮރެންޓް ރިސޯޓުގައި ތަރައްޤީކޮށްފައިވެއެވެ. މީގެ ތެރޭގައި އޯލް ޑޭ ޑައިނިންގ ރެސްޓޯރެންޓަކާއި ތަފާތު ވައްތަރުގެ ބުއިންތަކަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ޕޫލް ބާ އަކާއި ވެޖިޓޭރިއަނުންނަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ވެޖް ރެސްޓޯރެންޓަކާއި މެދު އިރުމަތީގެ ކެއުންތަކަށް ޚާއްސަކޮށްގެން ހުޅުވާފައިވާ ރެސްޓޯރެންޓެއްގެ އިތުރުން 2 ކެފޭ ހިމެނެއެވެ.

ކުޑަކުދިންނާއި ޒުވާން އުމުރުފުރައިގެ ކުދިންނަށް ޚާއްސަކޮށްގެން ރިސޯޓުން ވަނީ ސްޕޯޓްސް ސެންޓަރެއް ޤާއިމްކޮށްފައެވެ. މީގެ އިތުރުން އިންޑޯ އަދި އައުޓްޑޯރ އަށް ޚާއްސަކޮށްގެން ތާފާތު ކުޅިވަރު ޕްރޮގްރާމު ވެސް ހިމަނާފައިވެއެވެ.

ރިސޯޓުގެ އަނެއް ޚާއްސަކަމަކީ ފިޓްނަސްއަށް އިސްކަން ދީފައިވާ މިންވަރެވެ. އެގޮތުން 5 ފިޓްނަސް ސްޓޭޝަނަކާއެކު ދުވާ ޓްރެކެއް ވަނީ ޤާއިމްކޮށްފައެވެ. މީގެ އިތުރުން ވެސް މޫދު ކުޅިވަރުތަކަށް ޚާއްސަކޮށްގެން ޑައިވިންގ ސެންޓަރެއްވެސް ރިސޯޓުގައި ހަދާފައިވެއެވެ. ރިސޯޓުން ބުނީ މިކަމަށްޓަކައި ރިސޯޓުގެ 26 ސަރަޙައްދެއްގައި ޑައިވްކުރުމުގެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށެވެ.

މާމުޓާ ރިސޯޓަކީ ޕުލްމަން ހޮޓެލްސް އެންޑް ރިސޯޓްސްގެ ދަށުން ރާއްޖޭގައި ތަރައްޤީކުރާ ފުރަތަމަ ރިސޯޓެވެ. ޕުލްމަން ބްރޭންޑަކީ ޔޫރަޕްގެ މަޝްހޫރު ހޮސްޕިޓާލިޓީ ކުންފުނި އެކޯ ހޮޓެލްސްގެ ސަބްސިޑަރީ ކުންފުންޏެކެވެ. މިހާރުވެސް އެކޯ ހޮޓެލްސްގެ ދަށުން ރާއްޖޭގައި 5 ރިސޯޓު ހިންގަމުންދެއެވެ.