ދީން

ޢުމްރާއަށް ދިއުމަށް 500 މީހުންގެ ކޯޓާ އަލް ޞަފާ ގްރޫޕަށް ލިބިއްޖެ


ރާއްޖެއިން މިއަހަރު ޢުމްރާއަށް ދާން ފައްސަތޭކަ މީހުންގެ ކޯޓާ އަމިއްލަ ކުންފުންޏެއް ކަމަށްވާ އަލް ޞަފާ ޕްރައިވެޓް ލިމިޓެޑަށް ލިބިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.އަލް ޞަފާ ޕްރައިވެޓް ލިމިޓެޑުން ބުނީ، ރަމަޟާން މަހު ރާއްޖެއަށް ޢުމްރާ ކޯޓާ ނުލިބުމާއި ގުޅިގެން، އެކުންފުނިން ކުރި މަސައްކަތުން ސައުދީގެ ޝަރިކަތުއް ރަޙްމާ ލިލް –އުމްރާ ވައްޒިޔާރާ މެދުވެރިކޮށް އުމްރާއަށް ގެންދިއުމަށް ފައްސަތޭކަ މީހުންގެ ކޯޓާއެއް ސްރީލަންކާގެ އަމްޖާ ޓްރެވެލްސް އަށް ލިބިފައިވާ ކަމަށެވެ.ޞަފާ ކުންފުނިން ބުނީ، އެކުންފުންޏަށް މި ކޯޓާ ލިބުނީ ޚާއްސަ އިނާޔަތެއްގެ ދަށުން ކަމަށާއި އެކޯޓާއަށް ހަތަރު ޖަމާއަތަކުން މީހުން އުމްރާއަށް ގެންދިއުމަށް ހަމަޖަހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ އަލް ޞަފާ ޕްރައިވެޓް ލިމިޓެޑްއަށް ސަތޭކަ ހަތާވީސް މީހުން، ޖަމާއަތު ޒައީ ލި މަނާސިކިލް ޙައްޖު ވަލް އުމްރާ އަށް ސަތޭކަ ތެއްތިރީސް މީހުން، އަލް މަނާސިކް އަށް ސަތޭކަ އަށާރަ މީހުން އަދި އަސްކޮއި ޙައްޖު އެންޑް ޢުމްރާ ގުރޫޕަށް އަށްޑިހަ ހަތަރު މީހުންނެވެ.ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން ޞަފާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ނަސީމް މުޙައްމަދު ވިދާޅުވީ، ޢުމްރާ ވިސާ ޖެއްސުމަށްޓަކައި މާދަމާ ސްރީލަންކާއަށް އެކުންފުނީގެ ޓީމެއް ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި ރަމަޟާން މަހުގެ ސަތާރައިގެ ކުރިން ޢުމްރާއަށް ދާން ފުރޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.ރާއްޖެއިން މިއަހަރު ޢުމްރާއަށް މީހުން ގެންދިއުމުގެ ޙުއްދަ 10 ކުންފުންޏަކަށް އިސްލާމިކް މިނިސްޓްރީން ދީފައިވާއިރު، ޢުމްރާ ވިސާ ލިބުމުގެ ދަތިތައް ކުންފުނިތަކަށް ވަނީ ކުރިމަތިވެފައެވެ.ކުންފުނިތަކުގެ ޙަވާލުގައި ބާރަސަތޭކަ މީހުން ޢުމްރާއަށް ދާން ފައިސާ ދައްކާފައިވެއެވެ.