ޚަބަރު

މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރު ކުޑަކުރަން އަވަސް މަސައްކަތްތަކެއް ކުރަންޖެހޭ - ޝާހިދު


މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބޮޑެތި ޤައުމުތަކުން އަވަސް މަސައްކަތްތަކެއް ކުރުމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ޗައިނާގެ ޒިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަފުޅުދައްކަވަމުން، ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނުރައްކާތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެވެ.

މި ނުރައްކަލުން ސަލާމަތް ވުމައްޓަކައި ކުދި ޤައުމުތަކުގެ އަޑާއެކު، ބޮޑެތި ބާރުވެރި ޤައުމުތަކުން މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ، މިދާއިރާއިން ޗައިނާ މިހާރު ދުނިޔެއަށް މިސާލު ދައްކަމުންދާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެ ދިޔަ 8 އަހަރުދުވަހުގެ ތެރޭގައި ޗައިނާގެ ވެރިރަށް ބެއިޖިންގްއަށް އައިސްފައިވާ ބަދަލުތަކުންވެސް މިކަން ފާހަގަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ޗައިނާއިން ކްލައިމެޓް ޑިޕްލޮމަސީގައިވެސް މުހިންމު ދާއުރެއް އަދާކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ވަރަށް ގިނަ ދުވަސްތަކަކަށްފަހު ބެއިޖިންއަށް މިއައީ. އެގޮތުން މި ދުވަސްތަކުގެ ތެރޭގައި ބެއިޖިންގްގެ ވައި ސާފުވެ، ފެހިކަން އިތުރުވެފައިވޭ. މިއީ ޑޮމެސްޓިކް ކަންކަން." މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ޖަޒީރާ ޤައުމުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ބޮޑެތި ޤައުމުތަކުން އަވަސް މަސައްކަތްތަކެއް ކުރުމަށް ފޮރިން މިނިސްޓަރ ގޮވާލައްވާފައިވާއިރު، މިހާރު ކުރިއަށްދާ އދ.ގެ އާންމު މަޖިލީހުގައިވެސް ރާއްޖެއިން ދަނީ މޫސުމީ ބަދަލުތަށް ކުޑަކުރުމަށް ވަކާލާތުކުރަމުންނެވެ.